ސަސްޕެންޑްކޮށްފައި ހުންނެވި ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޯކޮށްލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑް ކޮށްފައި ހުންނެވި ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދުގެ ސައިކަލްގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހުޅުމާލޭގައި ރޭ ދަންވަރު ސައިކަލެއްގައި ރޯކޮށްލާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސައިކަލްގައި ރޭ ދަންވަރުގެ ވަގުތެއްގައި ރޯކޮށްލާފައިވާ ކަމަށާ ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަން ގާޒީ އަހްމަދު ރަޝީދު ވެސް ވަނީ ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ.
ގާޒީ އަހްމަދު ރަޝީދު ވިދާޅުވީ އޭނާގެ ސައިކަލްގައި ރޯކޮށްލިއިރު އެ ސައިކަލަށް އަދި ވާނީ ދެ އަހަރު ކަމަށާއި ސައިކަލަށް ފައިސާ ދައްކާ ނިންމާފައިވާ ކަމަށެވެ.
ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލައެއް ބަލައި ނިމެންދެން ވަޒީފާ އަށް ވެސް ނިކުމެވެވަޑައިނުގެންނެވޭ ގޮތަށް މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. ނަމަވެސް ޖޭއެސްސީން ބަލަމުންދާ މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް މިއަދާ ހަމައަށް ވެސް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުގައި ޓެރަރިޒަމާއި ބޮޑެތި މާރާމާރީގެ މައްސަލަތައް ބައްލަވަމުން ގެންދެވި ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
އަހްމަދު ރަޝީދު މީގެ ކުރިން ވަނީ ޖޭއެސްސީގައި އިންނަވާ ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރު ކަންވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ