ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނުން ނިންމައިފި

އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސާރވިސްއިން ނިންމައިފިއެވެ.
ގާސިމްގެ ގައިރު ހާޒިރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 3 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ހޮސްޕިޓަލުގައި އޮންނަވަނިކޮށް ކަރެކްޝަނުން ވަނީ ގާސިމް އިބްރާހިމާއި ހަވާލުވެފައެވެ.
ގާސިމް އިބްރާހިމްގެ އާއިލާއިން ބުނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް ނިންމާ ކަރެކްޝަނުން މިރޭ ލިޔުންދީފައިވާކަމަށެވެ. މިރޭ 23:23ގައި ކަރެކްޝަނުން ދިން ލިޔުމާއި ގުޅިގެން ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އޮންނެވި ނަމަވެސް އެމަނިކުފާނާއިމެދު އަމަލުކުރަމުން ގެންދާނީ ގޭގައި ހުންނަވާ މީހަކާއި މެދު އަމަލުކުރާގޮތަށްކަމަށްވެސް ކަރެކްޝަނުން އަންގާފައިވާކަމަށް އާއިލާއިން ބުނެއެވެ.
މިކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނުން ނިންމާފައިވާކަމަށެވެ. އަދި މި ނިންމުމާއިއެކު މީގެ ކުރިން ހިފަހައްޓާފައިވާ ބައެއް ހައްގުތައް ގާސިމަށް ލިބެމުންދާކަމަށެވެ.
ސަމީރު ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުގައި ގާސިމް އެޑްމިޓްކޮށްފައިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމުންކަމަށާ އަދި އެމަނިކުފާނު ބެއްލެވި ހުރިހާ ޑޮކްޓަރުންވެސް ރާއްޖެއިން ބޭރުން އެމަނިކުފާނަށް ފަރުވާ ދިނުމަށް ލަފާދީފައިވާކަމަށެވެ. އެހެންކަމުން ގާސިމަށް ބޭނުންވަނީ ރާއްޖެއިން ބޭރުން ފަރުވާ ލިބުންކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ގާސިމް އިބްރާހިމަށް ބޭނުންވާ ސިއްހީ ފަރުވާ ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދެވޭނެ މަގެއް ހޯދުމަށް އާއިލާއާއި އެޕާޓީން ކުރާ މަސައްކަތުގައި ދެމި ތިބޭނެކަމަށެވެ. އަދި ގާސިމްގެ އާއިލާއާއި ޖުމްހޫރީ ޕާޓީގެ އެދުމަކީ ވީހާވެސް އަވަހަށް އެ ފުރުސަތު ތަނަވަސްވެގެން ދިއުންކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނުން ނިންމުމާއި ގުޅިގެން މީގެ ކުރިން ހިފަހައްޓާފައިވާ ބައެއް ހައްގުތައް ލިބިގެންދިއުމަކީ އުފާކުރާކަމެއްކަމަށެވެ.
ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނުން ނިންމާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ގާސިމް އިބްރާހީމް ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
ނަމަވެސް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅޭ ހުކުމް މިއަދު ބަންޑާރަނައިބުގެ އޮފީހުން ވަނީ އިސްތިއުނާފުކޮށްފައެވެ.
ބަންޑާރަ ނާއިބްގެ މި އަމަލާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ