ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގައި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންގެ މަސައްކަތަށް، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝުކުރު އަދާކުރައްވައިފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި މިދިޔަ އަހަރު މާޗް މަހުގެ ތެރޭ ޝަމްއާން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ދައުވާކޮށް، ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވަނީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
ޝަމްއާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއާއެކު މަސަައްކަތްކުރި ދުވަސްތަކުގައި ދީފައިވާ އެއްބާރުލުމަށް ޝުކުރު ދަންނަވައި، މިދިޔަ ޖެނުއަރީ މަހުގެ 4 ގައި ފޮނުއްވި ސިޓީ، މުވައްޒަފުންނަށް އިމިގްރޭޝަނުން ރައްދު ކޮށްދެއްވާފައި ނުވާތީ، އެ ސިޓީ މިއަދު ހިއްސާކުރާ ކަމަށެވެ. އެއާއެކު ވަނީ އެ ސިޓީގެ ކޮޕީއެއް ޕޯސްޓުކޮށްފައެވެ.
ޝަމްއާންގެ ސިޓީގައި ވިދާޅުވީ މުވައްޒަފުންނާއއެކު، 19 ނޮވެމްބަރުން 2023 އިން، ފެށިގެން 21 މާޗް 2025 ގެ ނިޔަލަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގެ ޝަރަފާއި އަދި އުފާ ލިބިފައިވާތީ، އިމިގްރޭޝަންގެ މުވައްޒަފުންނަށް ވަރަށް އިހުލާސްތެރި ޝުކުރެއް ދަންނަވާ ކަމަށެވެ.
އިމިގްރޭޝަނަކީ ގާނޫނާއި، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މަތިކުރެވިފައިވާ އެންމެހާ ގާނޫނޫތައް ތަންފީޒު ކުރުމުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނޭ ވަރުގަދަ ޓީމެއް އޮތް މުޢައްސަސާއެއްކަން ވަނީ ސާބިތުކަމާއެކު ދައްކައިދީފައި ކަމަށް ޝަމްއާން ވިދާޅުވިއެވެ.
”އެގޮތުން، ދިވެހިރާއްޖޭގެ ބޯޑަރުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ދިވެހި، ޕާސްޕޯރޓްގެ ހިދުމަތާއި ދިވެހިރާއްޖެއަށް އެކިއެކި ކަންކަމުގައި އައިސް އުޅޭ ބިދޭސީންނަށް ވިޒާ ދޫކުރުމާއި، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވުނު މަސައްކަތުގައި އިމިގްރޭޝަންގެ އެންމެހާ މުވައްޒަފުން ބައެއް ދަތި ވަގުތުތަކުގައިވެސް ދެއްކެވި ހިތްވަރާއި ކެތްތެރިކަން ފާހަގަކޮށް، ނުހަނު އިހްލާސްތެރި ޝުކުރެއް ދަންނަވަމެވެ..،“ ޝަމްއާންގެ ސިޓީގައި ވިދާޅުވިއެވެ.
ޝަމްއާން ވިދާޅުވީ އިމިގްރޭޝަނަށް ލިބޭ ހުރިހާ ރީތި ނަމެއްގެ ހަގީގީ ކްރެޑިޓް ހައްގުވަނީ ތިޔަ އިމިގްރޭޝަންގެ މުވައްޒަފުންނަށް މުވައްޒަފުންގެ ޕްރޮފެޝަނަލިޒަމް ކޮންމެ، ވަގުތެއްގައިވެސް ހިފެހެއްޓުމަށް އެދޭ ކަމަށެވެ. އަދި ކެތްތެރިކަމާއި ހިތްވަރާއެކު މަސައްކަތުގައި ދެމިތިބެ، ރައްޔިތުންގެ އިތުބާރާއި، ލޯބި އަބަދުވެސް، ލިބިފައިވާ ހަރުދަނާ ގާނޫނު ތަންފީޒީ މުއައްސަސާއެއްގެ ގޮތުގައި އޮތުމަށް ވެސް ވަނީ އެދިފައެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާ އަދި މަނީ ލޯންޑަރިންގެ އެއް ދައުވާއެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މައްސަލައާ ގުޅިގެން އެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ހަމަ އެ ރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށެވެ.
އޭގެ ފަހުން ފުލުހުން ހަމަ އެ ރޭ ނެރުނު އިތުރު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އާދަކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީން ދިރިއުޅެމުންދާ ތަން ބަލައިފާސްކޮށް ހަދައިފައިވާކަން އެނގިފައިވާ ކަަމަށެވެ.
އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާ އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
”މީގެ އިތުރުން، އިސްވެ ދެންނެވުނު ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތަކެއް ހޯދައި އެ ފައިސާތައް ހިފައިގެން، 2025 މާޗު 21 ވަނަ ދުވަހާ ހަމައަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުން ދިޔަ މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ..،“ ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމަށް ދަށަށް ގެންގޮސްފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މިހާރު ވަނީ ހުކުމްކޮށްފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އިމިގްރޭޝަން މުވައްޒަފުންގެ މަސައްކަތަށް ޝަމްއާންގެ ޝުކުރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ