ސިއްރު ހެކީގެ މައްސަލައިގައި ހައްލު އޮތީ ދުސްތޫރީ މައްސަލައަކުން ނުވަތަ މަޖިލީހުން: އަބްދުﷲ ޝައީދު

ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުގެ ހުކުމެއްގައި އޮތުމުން ދިމާވެފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދަން އެންމެ ރަނގަޅު ގޮަތަކީ ދުސްތޫރީ މައްސަލައެއް ހުށަހަޅައިގެން ނުވަތަ ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުންގެ ތަހުގީގަށް އަބްދުﷲ ސައީދު އޭނާގެ ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އެ ހުކުމް ބާތިލު ކުރާށެވެ. ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ބުނެފައިވަނީ ހައިކޯޓުގެ ހުކުމުގައެވެ.
އަބްދުﷲ ސައީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ގޮތް ނިންމީ ދައުލަތުން ހުށަހެޅި ތިން ސިއްރު ހެކިވެރިއެއްގެ ހެކިބަހުގެ މައްޗަށްވެސް ރިއާޔަތްކޮށެވެ. އޭނާގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާ އާއި 149 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އަދި ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށްވެސް އެ ހުކުމްގައި ބުނެފައިވެއެވެ.
ހައިކޯޓުން ނިންމި ނިންމުމުގައި ސިއްރު ހެއްކާ ބެހޭގޮތުން ފާހަގަކުރި ކަންކަން ބާތިލު ކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުދަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އެދުނީ، ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތަކެއް ހެއްކާ ބެހޭ ގާނޫނުގައި ނެތް ކަމަށް އެނގެން އޮންނަ ކަމަށް ހައިކޯޓުގެ ނިންމުމުގައި ނިންމަވާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅައިދެއްވުމަށެވެ.
އެގޮތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅަމުން، ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ ހައިކޯޓުގެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދާއި، އެ ގާނޫނުގެ 149، 131، 137، 147 އަދި 126 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ބަލައިގެންފައިވާ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ. އެގޮތުން ހައިކޯޓުން މީގެ ކުރިންވެސް ސިއްރުން ހެކިބަސް ނެގުމާ ގުޅޭ އުސޫލު ދަމަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ނައުޝާދު ވިދާޅުވީ، ހެކިންނަކީ ކޮން ބައެއް ކަމާއި، ހެކިންނާއި ދައުވާ ލިބޭ މީހާއާއި އޮތް ގުޅުމާ، އެ ކަންކަމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމެއް ކަމަށެވެ.
އަޑުއެހުމުގައި ވާހަކަދައްކަވަމުން އަބްދުﷲ ސައީދު ވިދާޅުވީ އެ މައްސަލައިގައި ހައިކޯޓުން ސިއްރު ހެއްކާ ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ ހައިކޯޓުގެ ހުކުމަށް ވާސިލުވި ރޭޝިއޯ ޑިސިޑެންޑައި ނުކުތާއަކާ ގުޅޭ ވާހަކައެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ހައްގަކަށް އުނިކަން ނާންނާނެ ގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދޭ ކަމަށެވެ.
އަބްދުﷲ ސައީދު ވިދާޅުވީ ސިއްރު ހެއްކާ ބެހޭގޮތުން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަކީ، އޭނާ ކުށުން ބަރީއަ ކަމަށް ހައިކޯޓުން ނިންމި ހުކުމުގައި ބުރަވާ މައިގަނޑު ނުކުތާގެ ތެރެއިން ނުކުތާއަކަށް ނުވާތީ، ހުކުމުގައި ބުނާ ވާހަކަ މާނަކުރަން ޖުޑީޝަލް ރިވިއުގެ މައްސަލައެއް ހުށަހަޅައިގެން ނުވަތަ ގާނޫނު ހަދާ މަޖިލީހުން ބާރުން ހައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމަށެވެ.
އަޑުއެހުން ނިންމާލަމުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ގާޒީ މަހާޒު އަލީ ޒާހިރު ވިދާޅުވީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭނަމަ އެ މައްސަލައިގައި ދެން އޮންނާނީ މައްސަލަ ނިންމުމަށް ބޭއްވޭ އަޑުއެހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ