ފުލުހުން ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ ކާފަ ބޭފުޅުންނާއި ބައްދަލްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެދިވަޑައިގެންފިއެވެ.
ނަސްރީނާ އިބްރާހިމް މިކަމަށް އެދިވަޑައިގެންނެވީ ފުލުހުންގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބުދުﷲ ނަވާޒަށް ފޮނުއްވާފައިވާ ސިޓީއެއްގައެވެ.
ނަސްރީނާގެ ސިޓީގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމު 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާ މޯލްޑިވްސް ކަެރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައި ރައީސް މައުމޫން ބަންދުގައި ހުންނެވި ދުވަސްކޮޅު އެމަނިކުފާނާއި ބައްދަލްކުރުމަށް އާއިލާއަށް ލިބޭ ބައްދަލްވުމުންތަކުގައި އެމަނިކުފާނުގެ ކާފަބޭފުޅުންނަށްވެސް އެމަނިކުފާނާއި ބައްދަލްކުރުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ.
ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް އެމަނިކުފާނު ގެންދެވިފަހުން، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އުސޫލު އޮންނަގޮތުން، ދޫނިދޫގައި އޮންނަ އާއިލީ ބައްދަލްވުންތަކަށް ކާފަބޭފުޅުން ގެންދިއުމުގެ ހުއްދަ ނޯންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ނަސްރީނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން އެމަނިކުފާނުގެ ކާފަބޭފުޅުންނަށް އެމަނިކުފާނާއި ބައްދަލްނުކުރެވި ވަރަށް ގިނަ ދުވަސްވެފައިވާކަމަށެވެ.
ނަސްރީނާގެ ސިޓީގައި މިވަގުތު ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ކާފަބޭފުޅުންނަށްވެސް އެމަނިކުފާނާއި ބައްދަލްކޮށް ހާލުކޮޅު ދެކިލަން ނުހަނު ބޭނުންވާކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައީސް މައުމޫންގެ ކާފަބޭފުޅުންނަށްވެސް، ދޫނިދޫގައި އޮންނަ އާއިލީ ބައްދަލްވުންތަކަށް ވަޑައިގެންނެވޭނޭ އިންތިޒާމު ހަމަޖައްސައިިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން ޖަލުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެންގޮސްފައިވާއިރު، މައުމޫންގެ ސިއްހީ ހާލުކޮޅު މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިގެން ވަނީ ގޯސްވެފައެވެ. ރައީސް މައުމޫނަކީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާރޓިގޯ (އަނބުރާ ގޮތްވުމުގެ) ބަލި ތަހަންމަލުކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށާ އެކަމުގެ ސަަބަބުން ވަރަށް ގިނަ އުދަނގޫތައް އެމަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވަމުން ގެންދަވާކަމަށް އަނބިކަނބަލުން ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ކޮންމެ ރެއަކު ދޫނިދޫ ޖަލަށް ވަޑައިގެން ނަސްރީނާ ގެންދަވަނީ ރައީސް މައުމޫން އަރިހުގައި ވަގުތުކޮޅެއް ހޭދަކުރައްވަމުންނެވެ.
ރައީސް މައުމޫންގެ މައްޗަށް މިސަރުކާރުން ގިނަ ތުހުމަތުތަކެއް ކުރަމުންގެންދާއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާ، އެ ދައުވާ ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރެއްކޮށްފައެވެ. މައުމޫންގެ ސިއްހީ ހާލުކޮޅު ސީރިއަސްވުމާއި ގުޅިގެން އާއިލާއިން ވަނީ މައުމޫން ގެއަށް ބަދަލުކޮށްދެއްވުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގައި އާދޭސް ދަންނަވާފައެވެ. ނަމަވެސް އެކަމަށް މުއައްސަސާތަކުން މިހާތަނަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.
ކާފަ ބޭފުޅުންނަށް މައުމޫން އަރިހަށް ވަޑައިގެންނެވޭ ގޮތް ހެއްދެވުމަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ