ޣައްޒާ-އިސްރާއީލު ވަކިކުރަން އިސްރާއީލުން ޖަހާފައިވާ ސަލާމަތީ ފެންސު ކައިރިން އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި މިއަދުވެސް ފަލަސްތީނު މީހަކު ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ، ކޯރާޑީ ހިފައިގެންތިބި ދެމީހަކު ސަލާމަތީ ފެންސު ހަލާކުކޮށްލުމަށްފަހު އިންސާރާއީލުގެ ތެރެއަށް ވަދެގަތުމަށް މަސައްކަތް ކުރަމުންދަނިކޮށް ބަޑިޖެހި ކަމަށެވެ.
އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނު އެކަކު ޝަހީދުކޮށްލާފައި ވާއިރު، ދެވަނަ މީހާއަށް ވީގޮތެއް ސާފެއްނުވެއެވެ. މިކަމާ ގުޅޭގޮތުން ޣައްޒާގެ ހެލްތު މިނިސްޓްރީންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.
ޣައްޒާގައި ހިންގާ، ހަމާސްއާ ގުޅިފައިވާ އަލް-އަގްސާ ޓީވީންވަނީ، ފަލަސްތީނުގެ ޒުވާނުންގެ ބަޔަކު ޣައްޒާ-އިސްރާއީލު ވަކިކުރަން ޖަހާފައިވާ ސަލާމަތީ ފެންސުގެ ބޭރުން ދަމާފައިވާ ކަށިނަރުތައް ކޮށަންތިބި މަންޒަރުތައް ދުރަށް ދައްކާފައެވެ.
އަދި ފަލަސްތީނުގެ ޒުވާނުންތައް، އެހިސާބުގައި ހުރި އިސްރާއީލު ސިފައިންގެ ޕޯސްޓެއް ކައިރިއަށް އެއްވެ އެދިމާއަށް ޕެޓްރޯލް ބޮން އުކަމުންދިޔަ މަންޒަރުވެސް ޓީވީން ދުރަށް ދައްކާފައިވެއެވެ. ޕެޓްރޯލް ބޮން އުކުމަށްފަހު ފަލަސްތީނު ޒުވާނުންތައް ދުވަމުން ޣައްޒާގެ ތެރެއަށްދާ މަންޒަރުތައްވެސް ދައްކާފައިވެއެވެ.
އެހިސާބުގައި އުޅުނު ފަލަސްތީނު އެއްވެސް މީހެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހާ މަންޒަރު ވީޑިއޯތަކުން ނުފެނުނު ނަމަވެސް، މަންޒަރުދުށް ފަރާތްތަކުން ބުނެފައިވަނީ، ޕެޓްރޯލް ބޮން އުކުމަށްފަހު ދުވެފައިދިޔަ މީހުންގެ ތެރެއިން މީހެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ކަމަށެވެ. އަދި އޭގެފަހުން އޭނާގެ ހަށިގަނޑުވެސް އިސްރާއީލު ސިފައިން ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
ޣައްޒާ-އިސްރާއީލު ގުޅޭ ސަރަހައްދީ އިމުގައި މި އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނު އާންމުން ކުރަމުންދާ މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި މިހާތަނަށްވަނީ 125 މީހުން ޝަހީދުކޮށްލާފައެވެ. އަދި އެތައްހާސްބަޔަކު ޒަޚަމްކޮށްލާފައިވެސް ވެއެވެ.
މުޒާހަރާގައި ޒަޚަމްކޮށްލާ މީހުންނަށް އެހީވުމުގެ މަސައްކަތުގައި މިދިޔަ ހުކުރުދުވަހު އުޅުނު، ފަލަސްތީނުގެ އުމުރުން 21 އަހަރުގެ ނަރުސްކުއްޖާ، ރަޒާން އަލް-ނައްޖާރުގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ހާދިސާއާ ގުޅިގެން އެކަމަށް ބަދަލުހިފުމުގެ ހަރަކާތްތަކެއް ފަލަސްތީނުގައި މިހާރުވަނީ ފެށިފައެވެ.
އިސްރާއީލުން ޖަހާފައިވާ ސަލާމަތީ ފެންސު ހަލާކުކޮށްލުމާއި، ކަށިނަރުތައް ކޮށާލުމުގެ މަސައްކަތަކީވެސް އޭގެ ބައެއް ކަމަށްވެއެވެ. ރަޒާން އަލް-ނައްޖާރު ޝަހީދުކޮށްލިފަހުން ޣައްޒާގެ ތެރެއިން އިސްރާއީލުގެ ތެރެއަށް އެތައް ރޮކެޓް ހަމަލާއެއްވެސް ދީފައިވެއެވެ.
އިސްރާއީލުން މިއަދުވެސް ފަލަސްތީނު މީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ