ކޮވިޑް-19 ފެތުރިފައި ނުވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ފުރުސަތުދެނީ

ކޮވިޑް-19ގެ ބަލި ފެތުރިފައި ނުވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދީފިއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމުނުތާ 14 ދުވަސް ވެފައިވާ ރަށްތަކުން ކުޅިވަރު ކުޅުމުގެ ހުއްދައަކަށް އެދި ގިނަ ޒުވާނުން އެ މިނިސްޓްރީއަށް ހުށައަޅަމުންދާ ކަމަށެވެ. އެހެންކަމުން އެކަމާއި މެދު ޓެގް އަދި އެޗްޕީއޭގެ ލަފައެއް ހޯދާފައިވާނެކަމަށް ވަނީ ބުނެފައެވެ.
ޔޫތު މިނިސްޓްރީން ބުނިގޮތުގައި އެ ދެފަރާތުން ވަނީ ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުސޫލުން، ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމުނުތާ 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން ކުޅިވަރު ކުޅެން ފެށުމުގެ ހުއްދަ ދިނުމާއި މެދު އިއުތިރާޒެއް ނެތްކަމަށް ބުނެފައެވެ.
ނަމަވެސް ގިނަބަޔަކު އެއްވެގެން ކުޅިވަރު ކުޅުންފަދަ މީހުން އެއްވެގެން ހިންގާ އެއްވެސް ހަރަކާތްތަކަށް ހިތްވަރު ނުދޭކަމަށާއި ގައިދުރުކަމަށް އިސްކަންދޭން ޓެގާއި އެޗްޕީއޭއިން ހިތްވަރުދޭކަމަށްވެސް ވަނީ ބުނެފައެވެ.
އަދި މި ތަންތަން ކޮންމެ ވަގުތެއްގައި ބަންދުކުރަންވެސް ޖެހިދާނެކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ