ޑރ ޖަމީލް - އުމަރު 2018ގެ ރިޔާސީ ރޭހަށް

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރީގެ ނާއިބް ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައްދަލްކުރައްވަން ނިންމައިފިއެވެ.
އެކަން ހާމަކުރައްވާފައިވަނީ އުމަރު ނަސީރު އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި މެސެޖެތްތައް ހިއްސާކުރުމަށް ހަދާފައިވާ ޕަބްލިކް ވައިބަރުޗެޓް ގުރޫޕްގައި ކުރައްވާފައިވާ މެސެޖެއްގައެވެ.
އުމަރު ކުރައްވާފައިވާ މެސެޖްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޑރ ޖަމީލްއާއި އެމަނިކްފާނުގެ ޓީމާއިއެކު ސިޔާސީ މަޝްވަރާތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މަޝްވަރާތަކަށް އަންނަ އާދިއްތަ ދުވަހު އުމަރު އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އުމަރު އިނގިރޭސިވިލާތަށް ވަޑައިގެން ޑރ ޖަމީލާއި ބައްދަލްކުރެއްވުމަށް ނިންމެވިއިރު، އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ގުޅިގެން އުފައްދާފައިވާ އިދިކޮޅު އިއްތިހާދުގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ޑރ ޖަމީލެވެ. އުމަރަކީ އެމްޑީޕީއާއި ރައީސް ނަޝީދަށް އަބަދުވެސް ވަރަށް ބޮޑަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅަކަށްވީއިރު، ޑރ ޖަމީލްގެ ޓީމަކީ ކޮބައިކަމެއް އުމަރުގެ މެސެޖްގައި ވިދާޅުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ