ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ޖިނާއީ ކުށްތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަތައް ތަހުގީގުކޮށްދިނުމުގެ އަމުރަކަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީ ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެފަދަ އަމުރެއް ނެރެން ޖެހޭ މިންވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ހެކިތަކާއި ގަރީނާތަކަށް ބަލާއިރު އިންތިހާބު ބާތިލްކުރަންޖެހޭ ވަރުގެ އެއްވެސް ހެއްކެތް ގަރީނާއެއް ކޯޓަށް ހުށަހަޅާފައި ނުވާތީ އިންތިހާބު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރިޔާސީ އިންތިހާބު ބާތިލްކުރުމުގެ މައްސަލަ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މިމައްސަލައިގެ އަޑުއެހުންތައް މިމަހުގެ 14 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ފެށުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި މިމައްސަލައިގެ ބަޔާންތަކުގައި ވަކީލުން ސޮއިކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ސިއްރު ތިން ހެކި ހުށަހެޅި ނަމަވެސް އަޑުއެހުންތައް ނިންމާލީ ސިއްރު ހެކިބަސް ނުނަގަން ނިންމުމަށްފަހު އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ