ނޭމާގެ 30.5 މިލިއަން ޕައުންޑުގެ އަގުހުރި މުދާ ކޯޓުން ހިފަހައްޓައިފި
ސައު ޕޯލޯގެ ގެ ފެޑްރަލް ކޯޓުން ބަލަމަން އަނަން މައްސަލައަކާ ގުޅިގެން ބްރެޒިލް ގެ ފޯވާޑު ނޭމާގެ 30.5 މިލިއަން ޕައުންޑުގެ އަގު ހުރި މުދާ ހިފަހައްޓައިފި އެވެ. މި މައްސަލަ އަކީ 2011 އިން 2013 އާއި ދެމެދު ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން، ނޭމާގެ އިންކަމް ޓެކްސް އާއި ގުޅޭ ގޮތުން ބްރެޒިލްގެ ކޯޓަކުން ބަލަމުން އަންނަ މައްސަލައެކެވެ. މި މައްސަލަ ބަލަމުން ގެންދާ ފަނޑިޔާރު ވިދާޅުވިގޮތުގައި 30.5 މިލިއަން ޕައުންޑުގެ އަގު ހުރި މުދާ ހިފަހައްޓަން ޖެހުނީ، މައްސަލަ ނިމުމުގެ ކުރިން ކުޅުންތެރިޔާ އޭނާގެ މުދާ ވިއްކާލައި ފާނެތީއާއި އެ އަދަދަކީ ކޮންމެހެން ދައްކަން ޖެހޭ ފީ ތަކާއި ޖޫރިމަނާ އަށްވުމުން ހިފަހައްޓާ މުދާ ކަމަށެވެ. އަދި ހިފެހެއްޓުނު މުދަލަކީ ނެމާއާއި ނޭމާގެ ހިއްސާ އޮންނަ 3 ކުންފުންޏެއްގެ މުދާކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ. މި މައްސަލައާ ގުޅޭ ގޮތުން ނޭމާގެ މައިންބަފައިން ހާމަކުރި ގޮތުގައި މިއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައެއް ނޫނެވެ. އަދި އެއީ އެމީހުންގެ ދަރިފުޅުގެ އާމްދަނީއާ ގުޅޭ ގޮތޮން އަރާފައިވާ އޮޅުމެއްކަމަށްވެސް އެމީހުން ބުންޏެވެ. "ނޭމާ އެއްވެސް ޓެކުހެއް ނުދައްކައެއް ނޯންނާނެ. އަދި އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކުންވެސް،" ނޭމާގެ މައިންބަފައިން ނެރުނު ބަޔާނެއްގައި ވެއެވެ. ބްރެޒިލްގެ ސަންތޯސް އިން ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވުމަށް ފޯވާޑް ނޭމާ 2013 ވަނަ އަހަރު ހެދި ޓްރާންސްފާއާއި ގުޅޭ ގޮތުން ވެސް ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައެވެ. އެ ޓްރާންސްފާގެ އަސްލު އަގު ބާސެލޯނާ އިން އޮޅުވާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ބާސެލޯނާގެ އާއްމު މެމްބަރަކު ކޯޓަށް ހުށަހެޅުމުން އެ ކްލަބުގެ ރައީސް ސެންޑްރޯ ރޮސެލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ފޯވާޑް ނޭމާގެ ޓްރާންސްފާގައި އެ ކްލަބުން ޓެކްސް ނުދައްކާ އޮތް ކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އެ ކްލަބުން ޓެކްސްގެ ގޮތުގައި 13.5 މިލިއަން ޔޫރޯ ވަނީ މިދިޔަ އަހަރު ސްޕެއިނުގެ ޓެކްސް އޮތޯރިޓީއަށް ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ