2023 ގައި ރައީސް ޔާމީން ވާދަކުރައްވާނެ، އެކަން ޔަގީން - ރައީސް ވަހީދު

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށައި، އެކަން ވަރަށް ބޮޑަށް ޔަގީންކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ "އަވަސް" ނޫހުގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިހާރު ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް ޖަލު ޙުކުމް މަތީ ކޯޓަކުން ބާތިލް ކޮށްފިނަމައެވެ.
ރައީސް ވަހީދު މިއަދު ވިދާޅުވީ "މީގެ ކުރިން މިތަނުގައި ކަންތައް ހިނގާފައިވާ ގޮތައް ބަލާއިރު" ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެން 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ "ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް" ކަމަށެވެ. އަދި ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ވެސް ކުރައްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަމެއް އަދި ވިސްނުމެއް ވެސް ނެތް ކަމަށާއި، އެމަނިކުފާނަށް ޕީޕީއެމް އިން ރިޔާސީ ޓިކެޓް ހުށަހަޅަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެންމެން އެކަށްޗެއް ކިޔައި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިއީ ރައީސް ޔާމީން ވެސް ޖަލުގައި ބަހައްޓަވަންވީ ވަގުތު ނޫންކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
"ރައީސް ޔާމީން ޖަލުގައި ބައިންދަންވީ ދުވަސްވަރެއް ނޫން މިއީ. އެމަނިކުފާނަކީ ވެސް ވަރަށް ރިސޯސްފުލް ބޭފުޅެއް. ވަރަށް ގިނަކަންކަން ރާއްޖޭގައި ކުރައްވާފައި ހުރި ބޭފުޅެއް. މިދަނޑިވަޅަކީ އެބޭފުޅާ ވެސް ނެރެގެން ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު." ރައީސް ވަހީދު ވިދާޅުވިއެވެ.
ދާދިފަހުން ޕީޕީއެމްގެ މުޝީރުކަމާއި ހަވާލުވެ ވަޑައިގެންނެވި ރައީސް ވަހީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ޕީޕީއެމް އިން ވަރަށް ވަރުގަދަ އަށް މަސައްކަތް ކުރާނެ ކަމަށާއި، މިހާރު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ސަރުކާރުގެ ސިޔާސަތުތަކާއި މެދު ހިތްހަމަނުޖެހިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ