ހަސަން އަލީ އާސަންދައަށް، މައުމޫން ހައުސިންގެ ޑެޕިއުޓީ މިނިސްޓަރަކަށް

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުމޫން އަބްދުއްސަމަދު ވަކިކޮށް އެ މަގާމަށް ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުން ދާދިފަހުން ވަކިކުރި ހަސަން އަލީ ހަމަޖައްސައިފިއެވެ.
މީގެ ކުރިން ހަސަން އަލީ ވަނީ އިމިގްރޭޝަނުގެ ކޮންޓްރޯލާ ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
މީގެއިތުރުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދު ވަކިކުރި މައުމޫން އަބްދުއްސަމަދު ވަނީ ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމަށް ހަމަޖައްސާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުމޫން ވަކިކުރީ އަމިއްލަ ހޮސްޕިޓަލްތަކަށް އާސަންދަ ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް ބުނެ އެންސްޕާއިން އާންމުކުރި ބަޔާނާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުންނެވެ. އެބަޔާނާ ގުޅިގެން ރައީސް އޮފީހުން ފަހުން ބުނެފައިވަނީ އެންސްޕާއިން އެގޮތަށް އަމަލުކުރީ ރައީސް އޮފީހުން އަންގައިގެން ނޫން ކަމަށެވެ.
މައުމޫން އަބްދުއްސަމަދަށް ޑެޕިއުޓީ މިނިސްޓަރުކަން ދިން ނަމަވެސް އަދި އެ ވަޒީފާއަށް އޭނާ ނުކުމެވަޑައިގެންނެވި ކަމެއް ސާފެއް ނުވެއެވެ.
މައުމޫން މަގާމުން ވަކިކޮށްފައިވާއިރު އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ކުރިއަށް ގެންދަވާ އިޖުތިމާއީ ހަރަކާތްތަކުގައި ވެސް އިސް ސަފުން ފެނިގެންދާ ބޭފުޅެކެވެ.
އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލު ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެ މަގާމުން ވަކިކޮށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ