އިހުޔާ ޕްރޮގްރާމް ނުބޭއްވޭތީ ރައީސް މައުމޫން ހިތާމަފާޅުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ "މައުމޫން ފައުންޑޭޝަނުން" ކޮންމެ އަހަރެއްގެވެސް ރޯދަމަހު ބާއްވަމުން އަންނަ އިހުޔާ ޕްރޮގްރާމް މިއަހަރު ނުބޭއްވޭތީ އެމަނިކުފާނު ހިތާމަ ފާޅުކުރައްވައިފިއެވެ.
ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުުގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ އިހުޔާ ޕްރޮގްރާމަކީ ދީނަށް ހޭލުންތެރި ކުރުމުގެ ގޮތުން ރޯދަމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މައުމޫން ފައުންޑޭޝަނުން ބާއްވާ އިހުޔާ ކުރުމުގެ ޕްރޮގްރާމްގައި ކޮންމެ އަހަރަކު ރައީސް މައުމޫންވެސް ވާހަކަފުޅު ދައްކަވައެވެ.
މި ޕްރޮގްރާމް މެދުނުކެނޑި ބާއްވާތާ 38 އަހަރު ވެފައިވާއިރު، މިރޯދަމަހު މި ޕްރޮގްރާމް ނުބޭއްވޭނެކަން މައުމޫން ފައުންޑޭޝަނުން ވަނީ ހާމަކޮށްފައެވެ.
އެ ފައުންޑޭޝަނުން ބުނީ މިއަހަރު އިހުޔާ ޕްރޮގްރާމް ނުބޭއްވުނީ އާއިލީ ސަބަބުތަކަށްޓަކައި ރައީސް މައުމޫން މިވަގުތު ރާއްޖެއިން ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާތީ ކަމަށެވެ.
ރައީސް މައުމޫން އިންޑިއާގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އިހުޔާ ޕްރޮގްރާމް މިއަހަރު ނުބޭއްވޭތީ އެމަނިކުފާނު ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރައްވާފައެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެދުކެނޑުމެއްނެތި 38 އަހަރު ވަންދެން ބާއްވަމުންއައި އިހުޔާ ޕްރޮގްރާމް މިއަހަރު ނުބޭއްވޭތީ ހިތާމަކުރައްވާ ކަމަށެވެ.
އަދި އެ ޕްރޮގްރާމް ބޭއްވޭނެ ގޮތް ވީހާވެސް އަވަހަކަށް އެކަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މައުމޫން ފައުންޑޭޝަނުގެ އިހުޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ރައީސް މައުމޫނާ ވެސް ބައެއް މީހުން ސުވާލުކޮށްފައިވާކަން އެމަނިކުފާނުގެ ޓުވީޓުން އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ