ޓެގު ޕްރޮޖެކްޓް މައްސަލައިގައި އުމަރު އޭސީސީއަށް ހާޒިރުކޮށްފި

ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ ޕްރޮޖެކްޓާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އަށް ހާޒިރުކޮށްފިއެވެ.
އުމަރު ނަސީރު ވިދާޅުވީ ޓެގް ޕްރޮޖެކްޓްގެ މައްސަލަ އަލުން އޭސީސީން ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން އޭނާ އިއްޔެ އެކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލުކުރެވުނީ ހުޅުވާލެވިފައިވާ ބިޑެއްގައި، އާންމުކޮށް އިއުލާންކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށާއި މި ކޮންޓްރެކްޓް ހަވާލު ކުރުމުގެ ކުރިން އޭސީސީއަށް ލިޔެ ލަފައެއް ހޯދުނު އިރު، އެ ކޮމިޝަނުން ވެސް އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ދިވެހި ކުންފުންޏަކީ އޭނާގެ ނުވަތަ އޭނާގެ އާއިލާގެ އެއްވެސް ހިއްސާއެއް ނުވަތަ އެއްވެސް މަސްލަހަތެއް އެއްވެސް ޒަމާނެއްގައި އޮތް ކުންފުންޏެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.
"ނަމަވެސް މި މަސައްކަތް ފަށައިގަނެގެން ކުރިއަށްދަނިކޮށް، ކުށްވެރިންނާ ގުޅުން ހުރި އަމިއްލަ ފަރާތަކުން މި މައްސަލަ ވަނީ އޭރު އޭސީސީއަށް ހުށަހަޅައި އެ ކޮމިޝަނުން ބަލާފައި. އަނެއްކާ މިހާރުގެ ކޮމިޝަނުން ދަނީ މި މައްސަލަ އަލުން ބަލަމުން. އަދި އެކަމާ ގުޅިގެން އިއްޔެ ވަނީ އަޅުގަނޑާ ސުވާލުކުރައްވާފައި. މި މައްސަލަ ނުނިމި އޮންނަތާ މިހާރު ފަސް އަހަރު ފުރި ހަ ވަނަ އަހަރަށް މިވަނީ އެޅިފައި،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާގެ މިނިސްޓަރު ކަމުގައި ކުރެވުނު އެންމެ މުހިންމު އަދި އެންމެ ގިނަ ހުރަސްތަކާ ކުރިމަތިވި އެއް ކަމަކީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކަމަށާއި އެކަމަށް ހުރަސް އެޅުމަށްޓަކައި ބާރުގަދަ އެތައް ބަޔަކު ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ހުރަސްތައް ފޫއަޅުވާލައި ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވުނު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ވަޒީރު ކަމުގެ މަގާމުން އޭނާ އިސްތިއުފާ ދިނުމަށްފަހު ވަޑައިގެންނެވި އެއްވެސް ވަޒީރަކަށް މިކަން ކުރިއަށް ގެންދެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއީ ދައުލަތަށް އަހަރަކު 30 މިލިއަން ރުފިޔާ ހަރަދު ކުޑަކޮށްދޭނެ އަދި ޖަލުތައް ފުރި ބަންޑުންވުން ހައްލު ކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ކުށްވެރިން އަނބުރާ މުޖުތަމައަށް އައުމަށް ފަސޭހަކޮށްދޭ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި މިކަމަކީ ތަރައްގީވެފައިވާ ހުރިހާ ގައުމެއްގައި ބޭނުންކުރެވޭ ކާމިޔާބު ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ބަލައި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ އޭނާ އަބަދުވެސް އެދޭ ކަމެއް ކަމަށާއި އެގޮތުން މި މައްސަލައިގައިވެސް އޭނާ ކުށެއްކޮށްފައިވާނަމަ އަދަބު ދިނުމަށާއި ކުށެއް ކޮށްފައިނުވާނަމަ އެކަން އިއުލާން ކޮށްދިނުމަށް އެދޭ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގެ ދައުރުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަށް ވޭތުވެދިޔަ ފަސް އަހަރު ތެރޭ، ދެ ސަރުކާރަކުން މަސައްކަތް ކުރި ކަމަށެވެ. އެ މަސައްކަތަށް ފަސް އަހަރު ފުރި ހަ ވަނަ އަހަރަށް އެޅެމުންދާ އިރު، "ހުދު ވަލެއް" ނޫން އެއްޗެއް އަދި ފެނިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ