ޓެގު ޕްރޮޖެކްޓުގެ މައްސަލާގައި އަނެއްކާ ވެސް އުމަރު އޭސީސީއަށް ހާޒިރުކޮށްފި

ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ ޕްރޮޖެކްޓާ ގުޅިގެން އަނެއްކާ ވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށްފިއެވެ.
ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ ޕްރޮޖެކްޓާ ގުޅިގެން ސުވާލުކުރަން އިއްޔެ އޭސީސީއަށް ހާޒިރުކޮށްފައިވާ ކަން އުމަރު ހާމަކުރައްވާފައިވަނީ އުމަރުގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެޕޯސްޓުގައި އުމަރު ވިދާޅުވީ މިނިސްޓަރު ކަމުގައި ކުރެވުނު އެންމެ މުހިންމު އަދި އެންމެ ގިނަ ހުރަސްތަކާ ކުރިމަތިވި އެއް ކަމަކީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކަމަށެވެ. އެ ކަމަށް ހުރަސް އެޅުމަށްޓަކައި ބާރު ގަދަ އެތަށް ބަޔަކު ސިޔާސީ ގޮތުންނާ، ގާނޫނީ ގޮތުންނާ އަދި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
މިއީ ދައުލަތަށް އަހަރަކު 30 މިލިއަން ރުފިޔާ ހަރަދު ކުޑަކޮށްދޭނެ އަދި ޖަލުތައް ފުރިބަންޑުންވުން ހައްލު ކޮށްދޭނެ، ކުށްވެރިން އަބުރާ މުޖްތަމައަށް އައުމަށް ފަސޭހަ ކޮށްދޭ މުހިންމު ޕްރޮޖެކްޓް ކަމަށް އުމަރު ވަނީ ފާހަގަކުރައްވާފައެވެ.
އެ ޕްރޮޖެކްޓް ގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރެވުނީ ހުޅުވާލެވިފައިވާ ބިޑެއްގައި، އާންމު ކޮށް އިއުލާން ކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށްވާތީ އާއި ފިނޭންސް މިނިސްޓްރީ އަށް ލިޔެ ހުއްދަ ހޯދައިފައިވާތީ އޮޑިޓާ ޖެނެރަލް ގެ އޯޑިޓް ރިޕޯޓްގައި އެއްވެސް ކަމެއް ފާހަގަ ކުރައްވާފައެއް ނުވާ ކަން އުމަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ކޮންޓްރެކްޓް ހަވާލު ކުރުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ލިޔެ ލަފައެއް ހޯދުނު އިރު އެފަރާތުންވެސް އެއްވެސް ކަމެއް ފާހަގަ ކޮށްފައިނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި މަސައްކަތް ހަވާލު ކުރެވުނު ދިވެހި ކުންފުންޏަކީ އުމަރު އާ އެއްބަޑު އެއްބަފާ މީހެއްގެ ނުވަތަ އަތްބެއްގެ، ދަރިއެއްގެ ހިއްސާ އެއް ނުވަތަ އެއްވެސް މަސްލަހަތެއް އެއްވެސް ޒަމާނެއްގައި އޮތް ކުންފުންޏެއް ނޫން ކަމަށެވެ.
ނަމަވެސް އެ މަސައްކަތް ފަށައިގަނެގެން ކުރިއަށް ދަނިކޮށް، ކުށްވެރިންނާ ގުޅުން ހުރި އަމިއްލަ ފަރާތަކުން އެ މައްސަލަ ވަނީ އެއިރު އެންޓިކޮރަޕްޝަން އަށް ހުށަހަޅާ އެ ކޮމިޝަން އިން ބަލާފައި ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އަނެއްކާ މިހާރުގެ ކޮމިޝަން އިން ދަނީ އެ މައްސަލަ އަލުން ބައްލަވަމުންކަމަށާއި އެކަމާ ގުޅިގެން އިއްޔެ ސުވާލުކުރައްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ނުނިމި އޮންނަތާ މިހާރު 5 އަހަރު ފުރި 6 ވަނަ އަހަރަށް އެޅިފައިވާ ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައްބައްލަވާ ގާނޫނާ ހިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ އަބަދުވެސް އެދޭ އަދި ވަކާލާތު ކުރާ ގޮތެއް ކަމަށެވެ. އެގޮތުން އެ މައްސަލައިގައިވެސް ކުށެއްކޮށްފައިވާ ނަމަ އަދަބު ދީ، ކުށެއްކޮށްފައި ނުވާނަމަ އެކަން އިއުލާން ކުރުމަށް ދަންނަވަފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އެ މަސައްކަތައް ފަސް އަހަރު ފުރި، ހަ ވަނަ އަހަރަށް އެޅެމުންދާއިރު، 'ހުދު ވަލެއް' ނޫން އެއްޗެއް އަދި ފެނިފައި ނުވާކަން އުމަރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އިންތިހާބު ކައިރިވަމުން އައި ވަރަކަށް އެފަދަ ލަވަތަކުގެ އަޑު ގަދަވެ ގަދަވެ ހުންނާނެ ކަން ކަށަވަރު ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ