އެއްވެސް ދިވެއްސަކަށް އަނިޔާއެއް ދިނުމަށް ގޮވައިގެން ނުވާނެ: ގާސިމް

ދިވެހި އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދިނުމަށް ގޮވައިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ "ޗެނަލް 13" ގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި، އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވައި، ހިތްވަރުދީ ހަދައިގެން ނުވާނެ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅު ޖެހުމަށް އާންމު ޓީވީއެއްގައި ގޮވާލި ގޮވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ގާސިމް ވިދާޅުވިއެވެ.
ރައީސްގެ ހަށިކޮޅުގައި ރޯކުރަން ގޮވާލި މައްސަލަ ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.
މި މައްސަލައިގައި ޗެނަލް13 އިން ވަނީ އެމީހާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފައެވެ. އަދި ރައީސް ސޯލިހާއި ގުޅޭގޮތުން އެމީހާ ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށްވެސް އެ ޗެނަލުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ