މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރާނެކަން އަންގައިފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން ގަތް މަހުގެ އަގަށްވާ ފައިސާ ނުދައްކާ ދިގުލައިގެން ގޮސް މަސްވެރިންގެ ޝަކުވާތައް ގިނަވެފައިވަނިކޮށް އެ ފައިސާތައް މިއަދުން ފެށިގެން ދައްކާނެ ކަން އަންގައިފި އެވެ.
ހުވަދު އަތޮޅުގެ މަސްވެރިންގެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ގެނެސްދޭ "ގެމަނަފުށި މަސްވެރިން" ޓްވިޓާގައި ބުނެފައިވަނީ، މިއަދު ހެނދުނު 9:00 އިން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާނެ ކަން މިފްކޯ އިން އަންގާފައިވާ ކަމަށެވެ. ފައިސާ ދޫކުރާނީ މަސްވެރިންނަށް ދޫކޮށްފައިވާ ޗިޓު ހިފައިގެން، ކޫއްޑޫ އަށް ދިއުމުން ކަމަށް އަންގާފައިވާ ކަމަށް ވެސް މަސްވެރިން ބުނެ އެވެ.
މަސްވެރިކަން ރަނގަޅުވެ، ދޯނިތަކުން ގިނަ އަދަދަކަށް މަސް ބާނަމުން އަންނަ މި ދަނޑިވަޅުގައި މިފްކޯ އިން މަސްވެރިންނަސް ލާރި ދޫކުރުމުގައި ވަރަށް ބޮޑަށް ވަނީ ލަސްވެގެން ގޮސްފަ އެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހި، ނުދެވި 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ވެއެވެ.
މިއަދު ފައިސާ ދޫކުރަން ފަށާއިރު، މަސްވެރިން ބާނާ މަސްތައް ކިރުވުމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި ކަމަށް، ބައެއް މަސްވެރިން ބުނެ އެވެ. އެގޮތުން ކޫއްޑޫން މަސް ނުގަތުމާއި، މަސްކިރުވާ ބޯޓުތައް ހަރަކާތްތެރި ނުވާ ކަމަށް އެ މީހުން ބުނެ އެވެ.
މިފްކޯގެ ދަރަނި ބޮޑުވެ، ބަނގުރޫޓުވުމާ ކައިރިވެފައި ވަނިކޮށް 2016 ވަނަ އަހަރު އެ ކުންފުނި ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އޭރު އެ ކުންފުނީގެ ދަރަނި 300 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އިރު، މަސްވެރިންނަށް އެތައް މިލިޔަނެއް ނުދައްކާ އޮތެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް، ސަރުކާރުން އެ ކުންފުނި ބަނގުރޫޓުވުމުން ސަލާމަތް ކުރި އިރު އޭރު ވެސް މަސްވެރިންނަށް ދައްކަން ޖެހޭ އެތައް މިލިޔަން ރުފިޔާ އެއް އޮތެވެ. އަދި އެ ފައިސާތައް ދައްކައި، އެ ކުންފުނީގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް އޭރު ސަރުކާރުން މިފްކޯ އަށް 46.3 މިލިޔަން ރުފިޔާގެ ލޯނެއް ދިނެވެ.
ނަމަވެސް އަނެއްކާ ވެސް މި ވަނީ އެ ކުންފުނި ކުރީގެ ހާލަތައް ގޮސް، ދެ ވަނަ ފަހަރަށް ބަނގުރޫޓުވެފަ އެވެ. މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން ވަނީ 100 މިލިޔަން ރުފިޔާގެ ފަންޑެއް އެކުލަވާލި ނަމަވެސް، މަސްވެރިންނަށް ފައިސާ ނުދެވި ލަސްވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އަދި އެ ފަންޑްގެ މިހާރުގެ ހާލަތަކީ ކޮބައިކަމެއް ވެސް ސާފެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓް އަދްލީ އިސްމާއީލް މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ކުންފުނި ދެ ވަނަ ފަހަރަށް ބަނގުރޫޓުވުމާ ދިމާލަށް ދާއިރު، ކެބިނެޓުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ އެ ކުންފުންޏަށް އިތުރު 50 މިލިޔަން ރުފިޔާ ލޯނު އުސޫލުގެ ދަށުން ދިނުމަށް ނިންމާފައި ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާއި ގުޅޭގޮތުން މިފްކޯގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ