ތިމަރަފުށީ ދާއިރާގެ ގޮނޑި މިފަހަރު ވެސް ކާމިޔާބު ކުރާނަން - މުސްތަފާ

މިފަހަރު ވެސް ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިހާރު ވެސް ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި ގުޅިވަޑައިގަތް މުސްތަފާ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި މުސްތަފާ ވިދާޅުވީ ﷲގެ ހެޔޮ ރަޙްމަތްފުޅާއެކު މި ފަހަރުވެސް އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށާއި ތިމަރަފުށީ ދާއިރާއަށް ގިނަ މީހުން ކުރިމަތިލުމަކީ ތިމަރަފުށީ ރައްޔިތުންނަށް ލިބޭ ނުހަނު ބޮޑު ޝަރަފެއް ކަމަށެވެ.
މުސްތަފާ މީގެ ކުރިން ވިދާޅުވީ ޕްރައިމަރީއަކަށް އޭނާ ބިރެއް ނުގަންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އޭނާ އަކީ 2009 އިން ފެށިގެން މިހާތަނަށް މަޖިލީސް އިންތިޚާބުގައި އެންމެ ގިނައިން ވާދަކުރި ބޭފުޅާ ކަމަށެވެ.
މެންބަރު މުސްތަފާ އެމްޑީޕީއާ ގުޅިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދަކީ 19 އެވެ.
2014 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް ވަކި ހިސާބަކުން އޭނާ ޕީޕީއެމާ ގުޅިވަޑައިގަތެވެ. އަދި މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު މިހާތަނަށް ހުންނެވީ ޕީޕީއެމުން ވަކިކޮށްފަ އެވެ. އެއީ ޕީޕީއެމްގެ ލީޑަޝިޕާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ.
ޕީޕީއެމުން ވަކިކޮށްފައިވާ 12 މެމްބަރުން އަދި އެ ޕާޓީގެ އެހެން ބައެއް މެމްބަރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަމުން ގެންދަވާއިރު މިހާތަނަށް އެމްޑީޕީއާ ގުޅިވަޑައިގަތީ މުސްތަފާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެކަންޏެވެ. ގިނަ މެމްބަރުން ސޮއިކުރައްވަނީ ޖުމްހޫރީ ޕާޓީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ