ރައީސް ނަޝީދު ވަޑައިގަންނަވާ ތަނުން ޖަލަށް ގެންދަވާ މަންޒަރު ބަލަން ބޭނުމެއް ނޫން: ގާސިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ މަހު އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ތަނުން ޖަލަށް ގެންދަވާ މަންޒަރު ބަލަން ބޭނުންނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ކުރެއްވި ޓުވީޓެއް ގާސިމް ރީޓުވީޓު ކުރެއްވުމުން އެމްޑީޕީގެ ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ގާސިމް ވިދާޅުވެފައިވަނީ ރީޓުވީޓު ކުރީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް އެއީ ރަނގަޅު ވާހަކަތަކަކަށް ވާތީ ކަމަށެވެ.
މިއަދު ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ގާނޫނީ ގޮތުން ފުލުހުންގެ ވާޖިބު އަދާކުރެއްވުމަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނު ހައްޔަރުކުރައްވާތާ ބަލަން ބޭނުންނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެއާޕޯޓަށް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ހުއްޓާ، އަޅުގަނޑުމެންގެ ކުރިމަތީގައި އެމަނިކުފާނު ހައްޔަރުކުރުން ވެގެންދާނީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭނެ ކަމަކަށް. އެހެންވީމާ ސުޕްރީމް ކޯޓަށް ވަކީލުންގެ ފަރާތުން ހުށަހެޅުމަށް އަޅުގަނޑު އެދެން. ހަމަނުޖެހުމަކަށް މިގައުމު ދާކަށް ނޭދެން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ އަލުން ބެލުމަށް ކޯޓަށް ރައީސް ނަޝީދު ހުށަހަޅުއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެ މައްސަލަ ރަނގަޅަށް ނިމިގެންދާނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތް ނިމިގެންދިޔަ ގޮތް ރަނގަޅު ނޫން ކަން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ. އދ އާއި އެނޫން ވެސް ބައިނަލްއަގުވާމީ ފަރާތްތަކުން މިވަނީ އެއީ ރަނގަޅު ދައުވާއެއް ނޫން ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ކަމުނުދާ ކަމަށް ބުނެފައި. ވޯޓުގެ ނަތީޖާ އައުމުގެ ކުރިން އެއްވެސް މުއައްސަސާއަކުން ވަކިގޮތަކަށް، ވަކިމީހަކަށް ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ކަންތައްތައް ހިނގާ ނުދާކަން އަޅުގަނޑުމެން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިގެންދޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކަމެއް އިސްލާހުގެ މަގަށް ގޮވާލާ މީހާ ވާންވާނީ ގޯސްކޮށް ކަންތައްކުރާ މީހާއަށްވުރެ ރަނގަޅު ބަޔަކަށް ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓަށް ވަކީލުން މެދުވެރިކުރައްވާ ސިޓީއެއް ލެއްވުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އަދި ގާސިމް އިބްރާހިމް ވަނީ ކަފާލާތުގެ ދަށުން ނިމިގެންދިޔަ މަހުގެ 30 ވަނަ ދުވަހު މިނިވަންކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކަފާލާތުގެ ދަށުން މިނިވަން ނުކުރެވޭނެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ނަޝީދުގެ މައްޗަށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާން 2015 ވަނަ އަހަރު ހުކުމްކުރިއެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށްފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ