ކޯލިޝަން ތެރެއިން ވަކި ޕާޓިއަކުން މެޖޯރިޓީއަށް ޑިމާންޑް ކުރުމަކީ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް: އަމީން

މިހާރު އުފެދިފައި އޮތް ކޯލިޝަން ތެރެއިން ވަކި ޕާޓިއަކުން މަޖިލީހުގެ މެޖޯރިޓީއަށް ޑިމާންޑް ކުރުމަކީ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.އަމީން މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުތަކަކީ ފުއްދުން ލާޒިމް ވައުދުފުޅުތަކެއް ކަމަށާއި އެވައުދުފުޅުތައް ފުއްދުމަށް އެމްޑީޕީއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. އަމީން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކޮށްދިނުމަށް ވުރެ، ބޮޑު ވައުދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރައީސް ހޮވިވަޑައިގަތީ، އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ނޫން ކަމަށެވެ. އަމީންގެ އެ ޓްވީޓުގައި އިތުރަށް ބުނެފައިވަނީ، ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވީ ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.އެހެންކަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅުތައް ފުއްދުމަށް މަޖިލީހުގައި ކޯލިޝަން މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ވަކި ޕާޓީއެއްގެ މެޖޯރިޓީއެއް މުހިންމެއް ނޫން ކަމަށާ ވަކި ޕާޓީއަކުން މެޖޯރިޓީ އަށް ޑިމާންޑް ކުރުމަކީ ރައްޔިތުން އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށްވެސް އަމީނުގެ ޓްވީޓުގައި ފާހަގަކުރެއްވިއެވެ.ކޯލިޝަންގެ ތެރެއިން، މަޖިލިސް އިންތިޚާބަށް ވާދަކުރުމާ ގުޅޭގޮތުން އެ ކޯލިޝަންގެ ލީޑަރުން މަޝްވަރާ ކުރެއްވިރު، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ފ. ނިލަންދޫ ދާއިރާ ފިޔަވައި ދެން ހުރި 86 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ. އަދި ކޯލިޝަންގެ އަނެއް ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ހުރިހާ ދާއިރާއަކަށް އެ ޕާޓީން ވާދަކުރަން ކެރޭނެ ކަމަށްވެސް ވަނީ އިއުލާނު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ