މަސްވެރިންނަށް ލުއިދީ, ކަރަންޓުގެ އަގު ތިރިކުރަން ޑީސަލްއިން ޑިއުޓީ ކަނޑާލަނީ

ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ ބޭނުމުގައި ޑީސަލް އިން ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ރައީސް ޞާލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުގެ ފަރާތުން, ޑިސަލް އިން ޑިއުޓީ ކަނޑާލުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މި އިސްލާހު މިއަދު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.
މަޖިލީހަށް މިއަދު ހުށަހެޅުއްވި މި އިސްލާހު ބޭނުމަކީ ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރުމާއި މަސްވެރިންނަށް ފަސޭހަކޮށްދީ ހަރަދު ކުޑަ ކުރުމެވެ. އެގޮތުން މަސްވެރިކަން ކުރާ ދޯނި ފަހަރު ބޭނުން ކުރާ ޑީސެލާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލް އިން އިމްޕޯޓް ޑިއުޓީ މާފްކޮށްދިނުމަށް މެމްބަރު މުސްތަފާ ހުށަހެޅުއްވި އެ އިސްލާހުގައިވަނީ ބުނެފައެވެ.
ކަރަންޓު އުފައްދާ ފަރާތްތަކާއި އޮޑިދޯނި ފަހަރުން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފް ކުރާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުން ކަމަށް އެއިސްލާހުގައި ވަނީ ބުނެފައެވެ. އަދި ޑިއުޓީ މާފްކޮށްދިނުމުގައި އަމަލު ކުރާނެ އުސޫލެއް ބަޔާން ކުރަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ޑީސަލުން މިހާރު ޑިއުޓީ ގޮތުގައި ނަގަނީ ފަސް ޕަސަންޓެެވެ. އޭގެ ކުރިން ޑީސަލުން ޑިއުޓީގެ ގޮތުގައި 10 ޕަސަންޓު ވެސް ނަގަމުން އައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ