ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބާއްވާ އެއްވެސް އިންތިހާބެއްގައި އެއްވެސް ކޮޅެއް ނުނަންގަވާނެ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި އެކިމަގާމުތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް އިންތިޒާމްކޮށްގެން މިއަދު މެންދުރު ރާނބާގައި ބޭއްވި ފަރިއްކޮޅެއްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ދާއިމީ ލީޑަރު ކަމަށްވެސް ކުރިމަތިލައްވާފައިވާ މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކުރިއަށް އޮތް އިންތިހާބުތަކުގައި އެއްވެސް ކޮޅެއް ނުނެންގެވުމަށް ނިންމެވީ ވަކި ގަވައިދަކުން އެގޮތަށް މާނަކުރާތީ ނޫން ކަމަށާއި އެހެންނަމަވެސް ހުރި މަގާމުގެ ގޮތުން އެންމެ އިންސާފުވެރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ.
" އަޅުގަނޑު ހުރި މަގާމުގެ ގޮތުން އެއްވެސް އިންތިހާބެއްގައި އެއްވެސް ކޮޅަކަށް ނުޖެހޭނަން، މިއި މިހާރު ވެސް އަޅުގަނޑު އަމަލުކުރަމުންދާ ގޮތް، އިރާދަކުރެއްވިއްޔާ އިންތިހާބު ނިމެންދެން ވެސް އަދި އޭގެ ފަހުން އިންތިހާބެއް އައި ނަމަވެސް އަޅުގަނޑު ހުންނާނީ ހަމަ އެގޮތުގައި އެއީ ގަވައިދަކުން ގާނޫނަކުން ލާޒިމްކުރާ ކަމެއް ނޫން، އެހެން ނަމަވެސް އަޅުގަނޑު އަމިއްލައަށް މިކަން މިކުރަނީ" މައުމޫން ވިދާޅުވި އެވެ.
މައުމޫން އިންތިޒާމްކުރެއްވި މި ފަރިއްކޮޅުގައި އެމަނިކުފާނު ވިދާޅުވީ އެގޮތަށް އަމިއްލަފުޅަށް ނިންމެވީ ވަކި ފަރާތަކަށް ޖެހިއްޖެ ނަމަ ޕާޓީ ތެރޭގައި މަސްލަހަތު ގެއްލިދާނެތީ ކަމަށާއި އެހެންވެ އެއްވެސް އިންތިހާބެއްގައި އެއްވެސް ކޮޅެއް ނުނަންގަވަން ނިންމާފައިވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިންތިހާބުތަކުގައި ވާދަކުރުމަކީ ވެސް އޮތް ކަމެއް ކަމަށާއި އެހެންނަމަވެސް ވާދަކުރަންޖެހޭނީ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެމީހަކަށް ވޯޓު ހޯދުމަށްކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓަކާއި ދެކޮޅަށް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށާއި އެއްވެސް ބޭފުޅަކު އަނެއް ބޭފުޅެއްގެ ނުރަނގަޅު ވާހަކައެއް ނުދައްކަވާނެ ކަމަށްޔަގީންކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެހެން ކެންޑިޑޭޓަކާއި ދެކޮޅަށް ވާހަކައެއް ދައްކައިގެން ނުވާނެ، ތިމަންނައެއް ވޯޓެއް ދޭށޭ ބުނަން އެންމެ ރަނގަޅު، މިވެނި މީހަކަށް ވޯޓު ނުދޭށޭ ބުނުން ގޮތެއް ނޫން އެއީ، ކޮންމެހެން ބޭނުންވާ ގޮތެއް ވެސް ނޫން، އެހެންވީމަ ހުރިހާ ކެންޑިޑޭޓުން ވެސް ކަންތައް ގެންދަވާނީ ހަމަ އެގޮތަށް ކަން އަޅުގަނޑަށް ޔަގީން، ހުރިހާ މެންބަރުންގެ މެދުގައި ވާދަވެރި އިންތިހާބެއް ހިނގި ނަމަވެސް ވަރަށް ގަވައިދާއި އެއްގޮތަށް ކަމާއި އެއްވެސް ބޭފުޅަކު އަނެއް ބޭފުޅެއްގެ ނުރަނގަޅު ވާހަކައެއް ނުދައްކަވާނެ ކަމާއި އަދި އަޅުގަނޑުމެންގެ ތެރޭގައި މިމަސްލަހަތު ނުގެއްލޭ ގޮތަށްކަން އިންތިހާބުކަންތައް ކުރިއަށްގެންދަވާނީ އަޅުގަނޑަށް ޔަގީންކުރެވޭތީ މިވާހަކަ ހަމަ ދަންނަވާލީ." މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ އެކި މަގާމުތަކަށް ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވުމުން ދައްކުވައިދެނީ ޕާޓީއަކީ ދިރުންހުރި، ދުޅަހެޔޮ އުންމީދުން ފުރިގެންވާ ޕާޓީއެއްކަން ކަމަށާއި އަދި މި ޕާޓީތެރެއިން ޕާޓީއަށާއި ގައުމަށް ހިދުމަތްކޮށްދެއްވަން ބޭނުންފުޅުވާ ބޭފުޅުންގެ އަދަދު ވަރަށް ގިނަކަން އެއީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދޭން ކުރިމަތިލާފައިތިބި ބައެއްކަން ހާމަކޮށްދޭ ދަލީލެއް ކަމަށެވެ.
"ދެން ދަންނަވާލަން އޮތް ވާހަކައަކީ މި އިންތިހާބަކީ ވަރަށް އިންސާފުވެރި ވަރަށް ގަވައިދާއި އެގޮތަށްދާ އިންތިހާބެއް ކަމުގައިވުން ވަރަށް މުހިންމޭ، އަދި އެކަމަށްޓަކައި އަޅުގަނޑުމެން ހޮވާފައިވާ އިންތިހާބު ކޮމިޓީއަކީ، ވަރަށް ތަޖުރިބާހުރި ބޭފުޅުން ކޮޅެއްގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއެކޭ، އެހެންވީމަ އަޅުގަނޑުމެންނަށް ޔަގީންކުރެވޭ މި އިންތިހާބުގެ ކަންތައް ދާނީ ވަރަށް ރަނގަޅަށް ކަމަށް ގާނޫނާއި ގަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށް، އަދި ހަމަހަމަ ކަމާއި އިންސާފާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ގަބޫލުކުރެވޭ." މައުމޫން ވިދާޅުވި އެވެ.
އިންތިހާބަކީ ޑިމޮކްރަސީގެ ރޫހު ކަމަށާއި ޑިމޮކްރަސީ އޮންނަ އެއްވެސް ތަނެއްގައި އިންތިހާބެއް ނޯވެއެއް ނުދާނެ ކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުން ބޭނުންވާ ބަޔަކު ރައްޔިތުން އެދޭގޮތަށް ސަރުކާރު ނުވަތަ ގައުމު ހިންގުން ކަމަށާއި އެހެންކަމުން އިންތިހާބާއި ޑިމޮކްރަސީ އާއި މިއީ އަބަދުވެސް ގުޅިގެންދާނެ އަދި ދުވަހަކުވެސް ވަކިނުކުރެވޭ ދެކަމެއް ކަމަށެވެ.
ޕީޕީއެމްއަކީ ޑިމޮކްރަސީގެ އުސޫލުން ހިނގަމުންދާ ހިނގަމުންދާނެ އަދި ހިންގަމުންގެންދާ ޕާޓީއަކަށްވާތީ ޕާޓީ އެކި މަގާމުތަކަށް ގަވައިދުން މެންބަރުން އިންތިހާބުކުރުން އޮންނާނެ ކަމަށާއި މި އިންތިހާބަކީ ވަރަށް ހަމަހަމަ ކަމާއިއެކީ މިނިވަން ކަމާއިއެކީ ބޭއްވޭ އިންތިހާބަކަށްވާންޖެހޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އިންތިހާބުތަކުގައި އެއްވެސް ކޮޅެއް ނުނަގާނަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ