ބައިލައްކަ ރުފިޔާގެ ކަރަންޓު ސާމާނުތަކެއް ހޯދާ ބިދޭސިއަކު ހައްޔަރުކޮށްފި

ބައިލައްކަ އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ކަރަންޓް ސާމާނުތަކެއް ހޯދައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 43 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ 12 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހެންވޭރު ގެއެއްގައި ބިދޭސީން ދިރިއުޅޭ ކޮޓަރިއެއް ބަލައިފާސްކުރިކުރިމުން އެ ކޮޓަރި ތެރެއިން ކަމަށެވެ. ނަމަވެސް މިއީ ކޮން ގެއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ހޯދާފައިވާ މި ތަކެތީގެ ތެރޭގައި ހިމެނެނީ 38 އެޕޯލޯ ތަޅާއި 43 ރޯލު ކަރަންޓް ނަރު ރޯލާއި ކޭޑީކޭ 05 ފަންކާއާއި 74 ސިންގަލް ސޮކެޓް އާއި 18 ކަރަންޓް ސޮކެޓް އާއި އޭބީ ބްރޭންޑްގެ 41 ބްރޭކަރާއި 133 ގޭންގް ބްރެކެޓްގެ އިތުރުން 04 ރޯލު ފަލަ ކަރަންޓް ނަރެވެ.
މިތަކެތީގެ ތެރޭގައި ހިމެނޭ 38 ތަޅަކީ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުމުރުން 43 އަހަރުގެ މީހާ ވަޒީފާ އަދާކުރަމުންދާ ތަނުން ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ އެއްޗެހި ކަމަށާއި މިތަކެތި މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އަދި ފުލުހުން ހޯދާފައިވާ ތަކެތީގެ 38 ތަޅު ފިޔަވައި ދެން ހުރި ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތެއް އެނގިފައި ނުވާތީ ހަވާލުނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ