ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި 10،000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް ވަގުތުން އުވޭ ގޮތަށް އޮތް ނަމަވެސް އެ މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން އެއްވެސް ޕާޓީއެއް އުވޭ ފަދަ ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިރޭ އެކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެއްވެސް ޕާޓީއެއް އުވާނުލުމަށާއި އެފަދަ އަމަލެއް ނުހިންގުމަށާއި އެއްވެސް ޕާޓީއެއް އުވިއްޖެ ކަމަށް ނުބެލުމަށެވެ.
ބަންޑާރަ ނައިބު އޮފީހުން ދައުވާކޮށްފައިވަނީ އިންތިގާލީ އިންތިޒާމުތަކެއް ނެތި ޕާޓީތައް އުވާލައިފިނަމަ އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް އުނިވެގެން ހިނގައިދާނެ ކަމަށް ބުނެއެވެ.
މަޖިލީހުން ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީގެ ބިލް ފާސްކުރެއްވުމުން އެބިލުގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވި ނަމަވެސް ތަސްދީގުކުރައްވައި ގެޒެޓްކުރެއްވީ ތަސްދީގުކުރުން ލާޒިމުވާ އަދަދުން ދެ ވަނަ ފަހަރަށް މަޖިލީހުން ފާސްކޮށް ބިލް ކުރިން ވެސް އޮތް ގޮތަށް ފޮނުވުމުންނެވެ.
މި ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާއިރު 10،000 މެންބަރުން ނެތް ޕާޓީތަށް ވަގުތުން އުވޭނެ އެވެ.
އެހެންވެ އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމުލް 16 ޕާޓީގެ ތެރެއިން ރަޖިސްޓްރީވެފައި ވަނީ ފަސް ޕާޓީ ކަމަށް ކަނޑައަޅައިފަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އެވެ.
ޕާޓީތަކުގެ ގާނޫނު އައުމާއެކު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއާ އެކު ސިޔާސީ 11 ޕާޓީއެއް ދަފްތަރުން ވަނީ އުވިފައެވެ. އެ ޕާޓީތަކަކީ ސަންޓްރެވަލް އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އާއި ރައީސް ވަހީދުގެ ގައުމީ އިއްތިހާދާއި އައިޑީޕީ އާއި އެމްއެސްޑީޕީ އާއި އެސްއެލްޕީ އާއި ޕީޕަލްސް ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އާއި ޕީއޭ އާއި އެމްއެލްޕީ އާއި ގައުމީ ޕާޓީ އާއި އެމްއާރްއެމް އެވެ.
އެއްވެސް ޕާޓީއެއް އުވޭ ފަދަ ފިޔަވަޅެއް ނޭޅުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ