އަބްދުﷲ ރަސްގެފާނު އަވަހާރަވުމަކީ ދުނިޔެއަށް ލިބުނު ފަނޑުކަމެއް - ރައީސް ޔާމީން

ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަލްސައުދު އަވަހާރަވުމަކީ، މުޅި ދުނިޔެއަށް ވެސް ލިބުނު ވަރަށް ބޮޑު ފަނޑުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަލް ސައުދު ރޭގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމަ ފާޅުކުރައްވައި، ސައުދީގެ ރަސްކަމަށް އިސްވެވަޑައިގަތް ސަލްމާން ބިން އަބްދުލްއަޒީޒްއަށް ފޮނުއްވި މެސެޖެއްގައެވެ.
މި މެސެޖުގައި، ރައީސް ޔާމީން ވިދާޅުވީ އަބްދުﷲ ރަސްގެފާނަކީ ސައުދީ އަރަބިއްޔާގެ މުޖުތަމަޢާއި މެދުއިރުމައްޗަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ވެރިއެއް ކަމަށެވެ.
އަދި، 2002 ވަނަ އަހަރު، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް އެމަނިކުފާނު ހުށަހެޅުއްވި ސުލްހައިގެ އެއްބަސްވުމަކީ، ފަލަސްތީނުގެ މިނިވަންކަމުގެ މައުޟޫޢު އެކަމެއްގެ މައްޗަށް ބިނާކުރެވޭ އެންމެ މުހިންމު ލިޔެކިޔުންތައް ކަމަށެވެ.
މީގެ އިތުރުން، އަބްދުﷲ ރަސްގެފާނަކީ ދުނިޔޭގެ އެކިއެކި ސަގާފަތްތަކާއި އާދަކާދަތައް ޤަބޫލު ކުރައްވަމުން ގެންދެވިކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވީ، އަބްދުﷲ ރަސްގެފާނު ވަނީ ސައުދީ އަރަބިއްޔާގެ އިޖްތިމާޢީ އަދި ތައުލީމީ ދާއިރާ ހަރުދަނާ ކުރައްވާފައި ކަމަށެވެ.
"އަބްދުﷲ ރަސްގެފާނު ނިޔާވުމަކީ މުޅި ދުނިޔޭގެ އަލިކަމަށް ވެސް އައި ވަރަށް ބޮޑު ފަނޑުކަމެއް. މިއީ ސައުދީ ރައްޔިތުންގެ އިތުރުން މުސްލިމު އުންމަތަށާއި މުޅި ދުނިޔެއަށް ވެސް ލިބުނު ގެއްލުމެއް،" ސަލްމާން ރަސްގެފާނަށް ފޮނުއްވި މެސެޖުގައި، ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ