އަބްދުﷲ ގާޒީ ހާޒިރުކޮށް ނަޝީދުގެ ޝަރީޢަތް މިރޭ

2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަދަކަމުން ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތެއް މިރޭ 19:00 އަށް ތާވަލްކޮށްފިއެވެ.
މި މައްސަލައިގައި މިރޭގެ ޝަރީޢަތަށް، 21 ދުވަސް ވަންދެން ގިރިފުށީގައި ބަންދުކޮށްފައި ހުންނެވި، އިސް ގާޒީ އަބްދުﷲ މުހައްމަދު ހާޒިރު ކުރުމަށް ރޭގެ ޝަރީޢަތުގައި ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.
ރައީސް ނަޝީދާއި ދެކޮޅަށް ދައުވާ ސާބިތު ކުރުމަށް އަބްދުﷲ ގާޒީހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ ދައުލަތުގެ ފަރާތުންނެވެ. ނަމަވެސް ދައުލަތުން ފަހުން ވިދާޅުވެފައި ވަނީ ގާޒީ ޝަރީޢަތަށް ހާޒިރު ނުކުރިޔަސް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށެވެ.
އަބްދުﷲ ގާޒީ ޝަރީޢަތަށް ހާޒިރު ކުރަން ފެންނަ ކަމަށް ނިންމަވާފައި ވަނީ ރޭ ބޭއްވި ޝަރީޢަތަށް ފަހުގައެވެ. ރޭގެ ޝަރީޢަތުގައި ރައީސް ނަޝިދާއި ދެކޮޅަށް ދައުލަތުން  ވަނީ ހުރިހާ ހެއްކެއް ހުށަހަޅާފައެވެ.
ހެކީގެ ގޮތުގައި މީގެ ކުރިން ދައުލަތުން ވަނީ އެކި ފަރާތްތަކުގެ ހެކިބަސް ވެސް ނަންގަވާފައެވެ. އޭގެ ތެރޭގައި އަބްދުﷲ ގާޒީގެ އަނިބިކަނބަލުންގެ އިތުރުން އާއިލާގެ އިތުރު މެންބަރަކާއި، ސިފައިން އަދި ފުލުހުންގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
ދެ ބޭފުޅުންވެސް ވަނީ އަބްދުﷲ ގާޒީ ގެންދިޔައީ ގާޒީ އާއި އާއިލާގެ ވެސް ނުރުހުމުގައި، ގަދަކަމުން ކަމުގައި ވިދާޅުވެފައެވެ.
ރޭގެ ޝަރޢީަތުގައި ކުރިއަށް ގެންގޮސްފައި ވަނީ ކިތާބީ ހެއްކާއި، އޯޑިއޯ އަދި ވީޑިއޯގެ ބައެވެ.
ދައުލަތުން ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކެވުމުން، ބެންޗުން ވަނީ ރައީސް ނަޝީދަށް ހެއްކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާފައެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ ބޭނުންވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ކަމަށެވެ.
އެމަނިކުފާނުގެ ދިފާއުގައި ވަކާލާތު ކުރައްވަމުން ގެންދެވި ހަތަރު ވަކީލުންވެސް ވަނީ މި މައްސަލައިން ތަނާޒުލުވެ ވަޑައިގެންފައެވެ. އެހެން ކަމުން ރޭގެ ޝަރީޢަތް ކުރިއަސް ގެންދަވާފައި ވަނީ ދިފާއީ ވަކީލުންނާއި ނުލައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑަައިގަންނަވާ ޤާނޫނީ ވަކީލުންނަކީ އަލްއުސްތާޒާ ހިސާން ހުސައިނާއި، އަލްއުސްތާޒް އަބްދުﷲ ޝާއިރާއި، އަލްއުސްތާޒް އަހްމަދު އަބްދުﷲ އަފީފްގެ އިތުރުން އަލްއުސްތާޒް އިބްރާހިމް ރިއްފަތެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެމައްސަލައިން ވަކީލުން ތަނާޒުލުވުމަށް ނިންމީ، ރައީސް ނަޝީދަށް ދޭންޖެހޭ ޤާނޫނީ ލަފަޔާ އިރުޝާދު ދީ، މައްސަލައިގެ ޝަރީޢަތަށް އެކަށީގެންވާ ވަރަށް ރަނގަޅަށް ތައްޔާރުވުމަށް ވަގުތު ނުލިބުމުގެ އިތުރަށް، ރައީސް މުޙައްމަދު ނަޝީދުއަށް ޢަދުލުވެރި ޝަރީޢަތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން އިޚްލާސްތެރިކަމާއެކު ފޯރުކޮށްދެވޭނޭ ފުރުޞަތު އޮތްކަމަށް ޤަބޫލުނުކުރެވޭތީ ކަމަށެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން މައްސަލަ ދޫކޮށްލައްވާފައި ވާއިރު، އެމަނިކުފާނުގެ ފަރާތުން ހުށަހެޅުއްވި ދިފާއީ ހެކިންވެސް ބަލައިނުގަންނަން ކޯޓުން ވަނީ ނިންމަވާފައެވެ. ފަނޑިޔާރުން ވިދާޅުވީ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ހެކިންނަނީ ދައުލަތުގެ ހެކިން ނަފީކުރަން ހުށަހަޅުއްވާފައިވާ ހެކިން ކަމުގައި ގަބޫލު ނުކުރެވޭތީ، ހެކިން ޝަރީޢަތަށް ބަލައިގަންނަން ނުފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ