ގާޒީ މިނިވަންކުރަން 4 ހުށައެޅުމެއް ހުށައެޅި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށުގައި ހުންނެވިއިރު، ސަރުކާރުގެ ފަރާތުން 4 ހުށައެޅުމެއް ހުށައެޅި ކަމަށް، ގާޒީ މިރޭ ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ހުށައެޅުންތަށް ހުށައަޅާފައިވަނީ، އޭރުގެ ޔޫތް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި އިބްރާހިމް ހުސެއިން ޒަކީ ގާޒީއާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް ނަޝީދާ ދެކޮޅަށް ހެކިބަސް ދެއްވަމުން ގާޒީ މިރޭ ކޯޓުގައި ވިދާޅުވީ ބަންދުން ދޫކޮށްލާނީ “މަގާމުން އިސްތިއުފާ ދިނުމުން، އެއަށްވުރެ ދަށް މަގާމަކަށް ބަދަލުވުމުން، އުފަން ރަށަށް ބަދަލުވުމުން ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމުން ކަމަށް” އެ ބޭފުޅުން ވިދާޅުވި ކަމަށެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ ސަރުކާރުގެ ބޭފުޅުން ގިރިފުށްޓަށް ވަޑައިގަތުމުންވެސް ބަންދު ކުރެއްވި ސަބަބު އޮޅުން ފިލުވަން މަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުންގެ ފަރާތުންވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.
އަބްދުﷲ ގާޒީ ބަންދު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްސަލައިގައި މިއަދު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައި ހުރި އިރު ގާޒީގެ ވެލްފެއަރގެ ކަންކަން ބަލަހައްޓަވަމުން ގެންދެވި އެމްއެންޑިއެފްގެ ސައިކޮލޮޖިސްޓް އައިޝަތު ޒީނާވެސް ވަނީ އާއިލާއާއި އެކު ރާއްޖެއިން ބޭރަށް ފުރައިގެން ދެވިދާނެ ކަމަށް ބުނެ ތޮލްހަތު މެސެޖެއް ކުރެއްވި ކަމަށް ޝަރީޢަތުގައި ވިދާޅުވެފައެވެ.
ޝަރީއަތުގައި ޒީނާ ވިދާޅުވީ އަބްދުﷲ ގާޒީއަށް އޭނާގެ އާއިލާއާއި އެކު އިނގިރޭސި ވިލާތަށް ބަދަލުވެވޭނެ ކަމަށް ވިދާޅުވެ ތޮލްހަތު ޒީނާއަށް ޓެކްސްޓް މެސެޖެއް ފޮނުވި ކަމަށާއި، ޒީނާ އެވާހަކަ އަބްދުﷲ ގާޒީއާ ހިއްސާ ކުރި ކަމަށެވެ. އެހެން ނަމަވެސް އޭގެ ޖަވާބުގައި އަބްދުﷲ ގާޒީއާއި އެކު ދެކެވުނު ވާހަކަތައް ހަނދާނެއް ނެތް ކަމަށް ޒީނާ ވިދާޅުވިއެވެ.
މިރޭގެ ޝަރީއަތުގައި އަބްދުﷲ ގާޒީ ވަނީ، ގިރިފުށްޓަށް ގެންދެވުނީ ގަދަކަމުން ކަމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ