ހެލްތް މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރުގަޑީގެ އިނާޔަތް، އެ މުވައްޒަފުންގެ މުސާރައިގެ %50 އަށް ވުރެ އިތުރުވާ ނަމަ އެބައި އެއްކޮށް ކަނޑާލުމަށް ނިންމައިފިއެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިބްރާހިމް މަނިކު ސޮއި ކުރައްވައި ނެރުއްވާފައިވާ ސާކިއުލަރއެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގާ ޑިޕާޓްމެންޓްތަކާއިއ ޑިވިޝަންތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޫކުރާ އިރު، އެ ފައިސާއަކީ އެ މުވައްޒަފު ކުރި މަސައްކަތަށް ދެވޭ އެއްޗެއްތޯ ބަލަން ޖެހޭ ކަމަށެވެ.
އެ ސާކިއުލަރގައި ބުނެފައި ވަނީ، އިތުރު ގަޑީގެ މަސައްކަތަކީ، ރަސްމީ ގަޑީގައި އެކަނި ކޮށްގެން ނުނިމޭ މަސައްކަތް ކަމުގައި ވާންޖެހޭ ކަމަށާއި، ނަމަވެސް ބައެއް ތަންތަނުގައި މުވައްޒަފުން ލައްވާ އަށް ގަޑިއިރާއި 10 ގަޑިއިރާ ދެމެދުގެ ވަގުތުތަކަށް ވެސް މަސައްކަތް ކުރުވާ ކަމަށެވެ.
މިނިސްޓްރީގެ ސާކިއުލަރގައި ބުނެފައި ވަނީ، ޖަނަވަރީ 2015 ގައި މުވައްޒަފުންގެ މުސާރައަށް ވުރެ އިތުރު ގަޑީގެ ފައިސާ މާ ބޮޑުކަން، މުސާރަ ޝީޓުތަކުން ހާމަވާ ކަމަށެވެ.
އެހެންކަމުން އިތުރު ގަޑީގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް، ޚާއްސަ ހުއްދައެއް ލިބިގެން ކުރަން ޖެހޭ މަސައްކަތްތަކެއް ކަމުން، މިނިސްޓްރީއިން މިކަމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން އެ ސާކިއުލަރގައި ހާމަކޮށްފައި ވެއެވެ.
އެގޮތުން، އިތުރު ގަޑީގެ ފައިސާ، މުސާރައިގެ %50 އަށް ވުރެ އިތުރު ވާ ނަމަ، އެމަހެއްގެ ފައިސާ ދޫކުރެވޭނީ މުވައްޒަފު ލައްވާ އެހާ ގިނަވަގުތު މަސައްކަތް ކުރުވި ސަބަބު ސާފުކޮށްގެން ކަމަށް ވާތީ، ނިމިދިޔަ ޖަނަވަރީ މަހު، މުސާރައިގެ %50 އަށް ވުރެ އިތުރު ގަޑީގެ ފައިސާ އިތުރުވާ މުވައްޒަފުންނަށް އެ ފައިސާ އެކުގައި ކަނޑަލަން ނިންމާފައިވާ ކަމަށް އެ ސާކިއުލަރގައި ވެއެވެ.
އަދި އެ ފައިސާ ލިބޭނީ މުވައްޒަފު އިތުރު ގަޑީގައި ކުރި މަސައްކަތުގެ ތަފްސީލީ ރިޕޯޓެއް، މަސައްކަތް ކުރަންޖެހުނު ސަބަބާއި، މުވައްޒަފުގެ ސުޕަވައިޒަރާއި ތަނުގެ އިސްވެރިޔާގެ ސޮއިއާއި އެކު ލިބުމުން ކަމަށް ހެލްތް މިނިސްޓްރީގެ ސާކިއުލަރގައި ވެއެވެ.
އަދި، މިއާއި އެކު، އެއްވެސް މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާއާއި މެދު ސުވާލު އުފެދޭ ގޮތަށް އެ ފައިސާ ހިމެނިފައިވާ ނަމަ، އެ މުވައްޒަފެއްގެ މުސާރަ ޝީޓުން އިތުރު ގަޑީގެ ފައިސާ އުނި ކުރާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ބުނެފައި ވެއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރު ގަޑި، މުސާރައަށް ވުރެ %50 ބޮޑުނަމަ އެ ފައިސާ ކަނޑާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ