މަޝްހޫރު ލަވަކިއުންތެރިޔާ ހޮޅުދޫ އަބްދުﷲ އަވަހާރަވެއްޖެ!

ރާއްޖޭގައިއުފެދުނު އެންމެ ހުނަރުވެރި ލަވަކިޔުންތެރިޔާ އަދި ދިވެހި މަދަހަ އާއި ގައުމީ ލަވަކިޔުމުގައި އެފަދަ ދެވަނައެއް އަދި ފެނިފައިނުވާ ލަވަކިޔުންތެރިޔާ އަބްދުﷲހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަ ވެއްޖެ އެވެ.
ހޮޅުދޫ އަބްދުﷲ އަވަހާރަ ވެފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައެވެ.
ހޮޅުދު އަބްދުﷲ ވިދާޅުވެފައިވާ އެންމެ ރީތި މަޝްހޫރު ގައުމީ ލަވަތަކުގެ ތެރޭގައި”ގައުމަށް އައި މިނިވަން ނޫރާނީ“، އާއި އޭނާގެ އަނބިކަނަބލުން އިނގިރޭސި ރާގަކަށް ހައްދަވާފައިވާ ”އޯވަޒަން“ އަދި މުހައްމަދު އަމީން ހައްދަވާފައިވާ ”ވަތަން އެދޭ ގޮތަށް“ ފަދަ ގިނަ ލަވަތަކެއް ހިމެނެ އެވެ. ހަމައެފަދައިން އޭނާގެ މަދަހަ ތަކަކީވެސް ދިވެހިންގެ މެދުގައި ހާއްސަ ގަދަރެއް ދެވިފައިވާ މަދަހަތަކެއްކަން ފާހަގަ ކުރެވެއެވެ.
ލަވަ ކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ހޮޅުދޫ އަބްދުﷲ ވަނީ ލަވަ އާއި މަދަހަ ކިއުއްވުމުގެ އިތުރުން މައުލޫދު ޅެމާއި ގައުމީ އެކިއެކި މުނާސަބަތުތަކަށް ހަދާފައިވާ ގިނަ ލަވަތަކެއްވެސް ކިއުއްވާފަ އެވެ. މީގެ އިތުރަށް އަސާސީ ތައުލީމު ފަށައިގެން ކުރިއަށް ދިޔަ ދުވަސްވަރު ރޭޑީއޯތަކުން އިވެމުން ދިޔަ ލަވަތަކަކީވެސް އެ ހުނަރަށް ހޮޅުދޫ އަބްދުﷲ ފައްކާވެފައިވާ ވަރު ހާމަ ކޮށްދީފައިވާ ކަމެކެވެ.
މީގެ އިތުރުން ކޮންމެ ރޯދަމަހަކު ރޭޑިއޯއާއި ޓީވީއިން އިވެމުންދާ “ނަފްސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް” އަކީ ފާހަގަ ކޮށްލެވޭ މަދަހަ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ