ވަންދޫ ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ތ. ވަންދޫ ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
ނޮވެމްބަރ 29 ވަނަ ދުވަހު ވަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން އެ ސްކޫލްގެ ގްރޭޑް 6 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަކީ ކޮބައިކަން ބުނެދީ އަދި އެފަދަ އެ ކުށްތަކުގެ ޝިކާރައަކަށްނުވެ ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް ހުށަހެޅެނީ ކިހިނެއްކަމާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، އިންޓަނެޓުން ދިމާވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި، ޒާތީ އެއްވެސް މައުލޫމާތަކާއި، ޕާސްވޯޑު ފަދަ މުހިންމު މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެއްވެސް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ސްކޫލް ދަރިވަރުން ކުށުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުންދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ