ޔާމީނަށް އިންޑިއާ ސިފައިން ބާލަން ނުކެރުނަސް އަޅުގަނޑަށް ކެރޭނެ: އުމަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އިންޑިއާ ސިފައިން ބާލަން ކެރިވަޑައިނުގަތް ނަމަވެސް އެ މީހުން ރާއްޖެއިން ބާލަން ކެރިވަޑައިގަންނަވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އަމަރު ނަސީރު ވިދާޅުވެއްޖެއެވެ. ދިވެހި ޗެނަލުގެ ޕްރޮގްރާމެއްގައި ވާހަކަަދައްކަވަމުން އުމަރު ވިދާޅުވީ ގައުމުގައި އަމާންކަން ގާއިމްކުރައްވާނީ އޭނާ ކަމަށެވެ. އަދި މިއަދު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވެސް ބާލާނީ އޭނާކަމަށް ވިދާޅުވިއެވެ. "އަޅުގަނޑަށް ޔަގީންވާ ކަމަކީ ރައީސް ޔާމީނަށް އިންޑިއާ ސިފައިން ނުބޭލުނަސް އަޅުގަނޑަށް ބޭލޭނެކަން. އެއީ އަޅުގަނޑަށް ކެރޭނެ ހަަމަ އަޅަންވާ ކޮންމެ ފިޔަވަޅެއް ވެސް އަޅަން. ރައީސް ޔާމީން، އިންޑިއާ ސިފައިން ބާލަން ގަސްތުކުރެއްވިއިރު ހުރީ ވަރަށް ބޮޑަށް ފިތިބާރުވެފައި،" އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނަށް އެތައް "މިސްޓޭކެއް" ހެއްދެވިފައިވާކަމަށާއި ރިޔާސީ އިންތިހާބު ގާތްވަމުން ދިޔުމާއެކު ރައީސް ޔާމީން ވެސް ހުންނެވީ "އަތް ބަނދެވިފައި"ކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު އިތުރަށް ވިދާޅުވީ އޭނާގެ "ދުޝްމަނުން" ވެސް އޭނާގެ ފިޔަވަޅުތަކާމެދު ތައުރީފްކުރާކަމަށެވެ. "އަޅުގަނޑަށް ހިދުމަތްކުރުމަށް ލިބުނީ ދެ އަހަރުގެ ދައުރެއް އިނގޭތޯ. އެ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރަކު ރާއްޖޭގެ އަމަން އަމާންކަމަށް ނުގެންނަ ތަފާތު ބަދަލު އަޅުގަނޑު ހުންނާނީ ގެނެސްފަ،" އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ ފަސް އަހަރުގެ މުއްދަތަކަށް އެ ފިޔަވަޅުތައް ތަންފީޒުކުރުން ދެމެހެއްޓުމުގެ ފުރުސަތު ލިބުނުނަމަ ރާއްޖެ އަމާންވެގެން ދާނެކަމުގެ ޔަގީންކަން ވެސް އޮތްކަމަށެވެ. ނަމަވެސް އެނާ ވިދާޅުވީ އޭނާއަށް ހިދުމަތްކުރަން ލިބުނު ދެ އަހަރަކީ އެނާއަށް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރަން ލިބުުނު ދެ އަހަރު ނޫންކަމަށެވެ. އަދި މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެނަމަ ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ. "ދެ އަހަރު އެކަނި އަޅުގަނޑަށް ދައުލަތުގައި ހިދުމަތްކުރަން ލިބުނީ، އެވެސް ރައީސުލްޖުމްހޫރއްިޔާއެއްގެ ދަށުގައި، ކަނާތް ބަނދެފައި ހުއްޓާ. އެހެންވީމާ އަޅުގަނޑުގެ ދެ އަތް މޮހެލާފައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކޮށްފިއްޔާ އަޅުގަނޑު ހަމަ ޔަގީންކަމާއެކު މި ދަންނަވަނީ ދިވެހިރާއްޖެ ހަމަ އެއްކޮށް ބަދަލުވާނެ،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ