ގްރޭޓާމާލެ ގްރިޑް ސާކިޓްގެ ދެވަނަ މަސައްކަތް ކުރިއަށްދާތީ ކަރަންޓް ކެނޑިދާނެ

ގްރޭޓާމާލެ ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތަށް ދެ ދުވަސް އިތުރުކޮށްފައިވާއިރު، އެ ދެ ދުވަހު ވެސް މާލެ އާއި ހުޅުމާލެ އިން އެކި ގަޑިތަކުގައި ކަރަންޓް ކެނޑުމުގެ ފުރުސަތު އޮވެދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.ސްޓެލްކޯ އިން ބުނީ ގްރޭޓާމާލެ ގްރިޑްގެ ދެވަނަ ސާކިޓްގެ މަސައްކަތް މިއަދުވެސް 17:00 އާ ހަމަޔަށް ކުރަމުންދާނެ ކަމަށާއި މި މަސައްކަތުގެ ތެރެއިން މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރުމަށް ކުރިން ރޭވިފައިވާ ދުވަސްތަކުގެ އިތުރުން މި މަހުގެ 23 ވާ ހުކުރު ދުވަހާއި 24 ވާ ހޮނިހިރު ދުވަހުގައި ވެސް އެ މަސައްކަތް ކުރާގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ސްޓެލްކޯ އިން އިތުރަށް ބުނީ ކަރަންޓް ކެނޑުމުގެ ފުރުސަތު އޮތީ މާލެއަށް ވުރެ ބޮޑަށް ހުޅުމާލޭގައި ކަމަށެވެ."ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރިން ރޭވިފައި އޮތް ދުވަސް ތަކުގެ އިތުރުން މިމަހުގެ 23 އަދި 24 ވާ ހުކުރު އަދި ހޮނިހިރުގައިވެސް ކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި،" ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.މާލެއާއި ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކިލޯ ވޮޓްގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލަން ކުރިއަށްގެންދާ މިމަޝްރޫޢުއާއެކު މިސަރަޙައްދުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިއާއެކު މިއިން ކޮންމެ ސަރަޙައްދަކުން ކަރަންޓު ކެނޑުނުކަމުގައިވީނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި އަނެއް ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ގްރިޑުން ހަކަތަ ފޯރުކޮށްދީ ކަރަންޓުގެ މައްސަލަ ޙައްލުކުރެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.މިމަޝްރޫޢުގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 މެގަވޮޓްގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 މެގަވޮޓްގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ.ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ