މާޒިޔާއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދާ އެއްވަނައަށް

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާއިން ދަ ގްރާންޑޭގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފިއެވެ. ޕްރެޒިޑެންޓްސް ކަޕްގައި ރޭ މާޒިޔާ އާއި ދަ ގްރާންޑޭ ވާދަކުރި މެޗް މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ 6 ލަނޑު 1 ލަނޑުންނެވެ. މިމެޗުން މޮޅުވުމުން މާޒިޔާއަށްވަނީ ޕްރެޒިޑެންޓްސް ކަޕްގެ ލީގް ތާވަލްގެ އެއްވަނަ ލިބިފައެވެ. އެއީ 4 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
މެޗް ފަށައިގެން މާޒިޔާއިން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންނެވެ. އެގޮތުން މާޒިޔާއިންވަނީ މެޗްގެ ދެވަނަ މިނެޓްގެ ތެރޭގައި އެޓީމްގެ ފުރަތަމަ ހަމަލާ އުފައްދާފައެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ބޯޅަވަނީ ދަ ގްރާންޑޭގެ ކީޕަރު މާކޯ އިވަނޮވިޗް މަތަކޮށްފައެވެ. މިމެޗްގައި ދަ ގްރާންޑޭއިން ކުޅެފައިވަނީ ވަރަށް ބޮޑަށް ފަހަތަށް ވިސްނައިގެން، އެޓީމަށް ލިބޭ ފުރުސަތުތަކުގައި ކައުންޓަ އެޓޭކްގައި ލަނޑު ޖެހުމަށެވެ. މެޗްގައި މާޒިޔާއިން ލީޑުނެގީ މެޗްގެ 9ވަނަ މިނެޓްގައި އެޓީމްގެ ސްޓެވާޓް ޖެހި ގޯލުންނެވެ. ގޯލުގެ ކަނަށް ބޯޅަވަނީ ދަ ގްރާންޑޭގެ ކީޕަރު އިސްމާއީލް ޝިހާމް އަތުގައި ޖެހިފައެވެ. ކޯނޭގެ ގޯލަށްފަހުވެސް، މާޒިޔާއިން ވަނީ ދެ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލްކޮށްލެވޭ ގޮތެއް ނުވިއެވެ.
މެޗްގެ ފުރަތަމަ ހާފްގައި މާޒިޔާއިން އެއް ގޯލްގެ ލީޑެއްގައި އޮވެގެން ނިންމާލިނަމަވެސް މެޗްގެ ދެވަނަ ހާފްގައި މާޒިޔާއިންވަނީ އެޓީމުގެ ކުޅުން ރަގަނޅުކޮށް، ގިނަ ލަނޑުތަކެއް ޖަހާފައެވެ. އެގޮތުން މާޒިޔާގެ 2ވަނަ ލަނޑު މެޗްގެ 64 މިނެޓްގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދެވެ. މިލަނޑުގެ ކުރިން މެޗްގެ ފުރަތަމަ ހާފްގައި ހަމްޒާވަނީ ލަނޑެއްޖަހާފައެވެ. ނަމަވެސް ރެފްރީ އެ ލަނޑު ބަލައިނުގަތީ، ލަނޑު ޖެހުމުގެ ކުރިން ހަމްޒާ އަތުގައި ބޯޅަ ޖެހުމުންނެވެ.
މެޗްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހިމް ވަހީދު ހަސަން (އިއްބެ)އެވެ. ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި އިއްބެ ގޯލާ ދިމާލަށް ބޮލުން ފޮނުވާލި ބޯޅަ، ގޯލް ތެރެއަށް ވަދެފައިވަނީ ދަ ގްރާންޑޭގެ ޑިފެންޑަރު އިވަނޮވިޗް ގައިގައި ޖެހިފައެވެ. މެޗްގެ 72ވަނަ މިނެޓްގައި ދަ ގްރާންޑޭއިން ވަނީ ލަނޑެއްޖަހައި މެޗްގެ ލީޑު ކުޑަކޮށްފައެވެ. މިލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުޙައްމަދު ލަޔާންއެވެ. އިތުރު ގޯލްތަކެއް ޖެހުމަށް މާޒިޔާއިން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެޓީމްގެ 4ވަނަ ގޯލްޖެހީ އިއްބެއެވެ. މެޗްގެ 84ވަނަ މިނެޓްގައި މާޒިޔާގެ 5ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އުމެއިރެވެ. މާޒިޔާގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާއެވެ.
މިމެޗުން މޮޅުވުމުން މާޒިޔާއަށް ތާވަލްގެ އެއްވަނަ ލިބޭއިރު، މިމެޗުން ބަލިވުމުން ދަ ގްރާންޑޭ އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅޭނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ