ހަމަލާއަށް ފަހު ނަޝީދު އަމިއްލަފުޅު ނަފްސަށް ވެވަޑައިގެންނެވި ވައުދުފުޅާ ގާތަށް! އިތުރު ވަނީ އެންމެ 4 މިނެޓް!

ބޮމުގެ ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވި އިރު އަމިއްލަފުޅު ނަފްސަށް ވެވަޑައިގެންނެވި ވައުދުފުޅާ ހަމައަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ 5 ކިލޯ މީޓަރަށް ދުވެވަޑައިގެން ހާސިލު ކުރެއްވުނު ނަތީޖާ ހިއްސާ ކުރައްވައިފިއެވެ.
މެއި 6 ގައި ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް އަދިވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ އިރު ދުވެވަޑައިގެން 30 މިނެޓަށް ވުރެ އަވަހަށް 5 ކިލޯމީޓަރު ހަމަކުރައްވަން އެމަނިކުފާނު ވަނީ އަމިއްލަފުޅު ނަފްސަށް ވައުދުވެވަޑައިގެންފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި އެ ޓާގެޓަށް ވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާ ހާމަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ "އިރާދަ ކުރެއްވިއްޔާ މިކަން ވާނެ" ކަމަށެވެ. އެގޮތުން އެމަނިކުފާނު މިއަދު ދުވެވަޑައިގެން ރެކޯޑުގެ ތަފްސީލް ހާމަ ކުރައްވާފައިވާ އިރު މިއަދު ނަޝީދު ވަނީ، 34 މިނެޓް ތެރޭ 5 ކިލޯމީޓަރުގެ ދުވުމެއް ފުރިހަމަ ކުރައްވާފައެވެ. އެހެންވީމާ ވައުދުފުޅާ ދެމެދު އެ ހުރީ 4 މިނެޓުގެ ވަގުތެކެވެ.
ރައީސް ނަޝީދަށް އަމާޒު ކޮށްގެން މެއި 6 ގައި ދިން ބޮމުގެ ހަމަލާގެ ކުރިން އެމަނިކުފާނު ފަތިހު މާލެ ވަށާ ދުވެވަޑައިގަތުމަށް ވަޑައިގަންނަވައެވެ. ނަމަވެސް ހަމަލާއަށް ފަހު ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި އޮތުމާއެކު އެމަނިކުފާނު ދުވެވަޑައިގަތުމަށް ނުކުމެވަޑައިގަންނަވާ މަންޒަރެއް ނުފެނެއެވެ.
މީގެ ކުރިން ނަޝީދު ޓްރެޑްމިލްއެއްގައި ދުވެވަޑަގަންނަވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ވައިރަލް ވެފައެވެ. އެ ވީޑީއޯ ސޯޝަލްމީޑިއާގައި އާންމު ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ހޯއްދެވި އިރު އެމަނިކުފާނުގެ ފައިންޕުޅުގެ ދެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ