އެމްއެމްޕީއާރުސީގެ ފައިސާ އެއް ލިބިފައެއް ނުވޭ: ގާސިމް
އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން މާމިގިލީ ދާއިރާގެ މެމްބަރުން ގާސިމް އިބްރާހިމުގެ ވިލާ ކުންފުއްޏަށް ޖަމާކޮށްދީފައިވާ ކަމަށް ބުނާ ވާހަކަ ގާސިމް ދޮގުކުރަށްވައިފިއެވެ. އެސްއޯއެފް ކުންފުއްޏަށް ލިބިފައިވާ ފައިސާ ސަރުކާރު ހިންގާ ޕާޓީއާއި ގާސިމް އިބްރާހިމްގެ އިތުރުން ބައެއް އެހެން ވިޔަފާރިތަކަށް ދީފައިވާ ކަމަށް އެކުންފުނީ ބުނެފައެވެ. އެކަމާއި ގުޅިގެން ވީޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ އެފަދަ ފައިސާއެއް ޖުމްހޫރީ ޕާޓީއަކަށްވެސް ވިލާ ކުންފުއްޏަކަށްވެސް އަދި ގާސިމްއަށްވެސް ލިބިފައި ނޯންނާނެ ކަމަށެވެ. "އަޅުގަނޑުމެންނަށް އެއްވެސްއިރަކު އެއްވެސް ފައިސާއެއް، އެއްވެސް ޗެކަކުންވެސް އަދި ކޭޝްގެ ގޮތުގައިވެސް އެއްވެސް ފަރާތަކުން ދުވަހަކުވެސް އަޅުގަނޑުމެންނަށް ލިބިފައެއް ނެތޭ. އަދި ލިބުނަސް ދިނަސް ބޭނުން ނުކުރާނަމޭ އެއީ ހަމަ ކަށަވަރުކަމެއް." ގާސިމް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އެހެންވިޔަފާރިތަކަށް ވެސް ފައިސާ ދޫކުރި ކަމަށް ބުނާ ބުނުން ގަބޫލު ކުރަން ދަތި ކަމަށްވެސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވިއެވެ. ގާސިމް އަށް އެފައިސާ ދިން މައްސަލަ ތަހުގީގްކޮށް ބަލައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި ހުށައަޅާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެމްއެމްޕީއާރްސީގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ އެމްއެމްޕީއާރްސީން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 70.17 މިލިޔަން ޑޮލަރު (1 ބިލިއަން ރުފިޔާ) ކަމަށެވެ. އެ ފައިސާއަކީ ރަށްތަކާއި ފަޅުތައް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ