ޔާމީނަށް އެންމެ ރަނގަޅު ގޮތަކީ އަނބިކަނބަލުން އިންތިހާބަށް ނެރުން: އުމަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ނުވަތަ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ނެރުއްވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޔާމީން މިހާރު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން މިހާރު އޮތް ގޮތުން ޔާމީނަށް ދެން އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނެތެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
އޮންލައިން ނޫސް "އަވަސް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ 2023 ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށާއި ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ކޮންމެ މީހެއްގެ އަތަށް ޕީޕީއެމްގެ ޓިކެޓް ދިން ކަމުގައި ވިޔަސް ޔާމީންގެ އަތުން ޕާޓީ ގެއްލޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަން މި އޮތީ ނަޝީދަށް ވީގޮތް. އަޅުގަނޑުމެންނަށް ފެނުނު ރައީސް މައުމޫނަށް ވީގޮތް ދެއްތޯ. ހަމަ އެ މަގުން ރައީސް ޔާމީން ވެސް ދާނެ ކެންޑިޑޭޓަކު ނެރުއްވައިފިއްޔާ ޕީޕީއެމުން" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޔާމީނަށް މިހާރު އޮތް މޮޅު އެއް ގޮތަކީ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުން ކަމަށެވެ. އަދި އަނެއް ގޮތަކީ ޔާމީންގެ އަނބިކަނބަލުން ނޫނީ ދަރިކަލުން ނުވަތަ 100 ޕަސެންޓް އިތުބާރު ކުރެވޭ ފަރާތެއް އިންތިހާބަށް ނެރުއްވުން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުފެނޭ ރައީސް ޔާމީންގެ އަނބިކަނބަލުން ނުވަތަ ދަރިފުޅު ނޫން ބޭފުޅަކު އެތާ ތެރެއިން އެ އިތުބާރު އެ ބޭފުޅާއަށް އޮންނާނެ މީހަކު" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ތެރޭގައި ދެން ތިބީ ފުރުސަތަކަށް ބަލަ ބަލާ ތިބި މީހުން ކަމަށާއި އެގޮތުން ޔާމީން މިނިވަން ވާނެ ކަމަށް ބުނެ އެ ފަރާތްތަކުން ދައްކަނީ "ފޭކު" ވާހަކަތަކެއް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ޕީޕީއެމްގައި މިހާރު ތިބީ ޔާމީނަށް ހެޔޮ އެދޭނެ ބޭފުޅުން ނޫން ކަމަށާއި ސަފު ހަދައިގެން އެ ބޭފުޅުން ތިއްބެވީ ޔާމީން ޖަލުގައި ބާއްވައިގެން ޓިކެޓު ހޯދޭނެ ކަމުގެ އުއްމީދުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ