ރައީސް މައުމޫން ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސް އަޅައިފި

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން މިރޭ ބާއްވަން މަސައްކަތް ކުރި ޖަލްސާއަށް ފުލުހުން ހުރަސް އަޅައިފި އެވެ.
މިޖަލްސާ ބާއްވަން ނިންމީ ޕީޕީއެމްގެ އޮފީސް ހިންގާ ހ. ތެމާގަ އެވެ.
މިޖަލްސާ ފެށުމަށްޓަކައި ރައީސް މައުމޫނަށް ތާއީދުކުރައްވާ އަދި އެމަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވާ އިސް ބޭފުޅުން ޕީޕީއެމްގެ އޮފީހަށް ވަދެވަޑައިގަތުމަށްޓަކައި އެސަރަހައްދަށް ވަޑައިގެންނެވި އެވެ. ނަމަވެސް ޕީޕީއެމްގެ އޮފީސް ހުންނަ ސަރަހައްދުން ބޮޑުބައެއް ވަށައި ބެރިކޭޑް ޖަހާ އަދި ޕީޕީއެމްގެ އޮފީހުގެ މައި ދޮރުމަތީގައި ވެސް ފުލުހުންގެ ސަފެއް އަތުރާލާފައި އޮތުމުގެ ސަބަބުން ޖަލްސާއަށް ހާޒިރުވި އެއްވެސް މީހަކަށް ޕީޕީއެމްގެ އޮފީހާއި ގާތްވެވޭ ގޮތެއް ވަނީ ނުވެފަ އެވެ.
ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫންއާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ބާއްވަން އުޅުނު ޖަލްސާއަށް ވަޑައިގަތުމަށް އެމަނިކުފާނު ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ސަލަމާތީ ފަރާތްތަކުން އެމަނިކުފާނު ހުއްޓުވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ