ގައުމުތައް ބައިބައިވުމުގެ އެއް އަސްލަކީ ރައްޔިތުން އެއްބައިވަންތަ ނުކުރެވުން: މޫސާ ނިޒާރު

އިސްލާމީ މުޖުތަމަޢުތައް ބައިބައިވެ ޤައުމުތައް ހަލާކުވަމުންދާ އެއް ސަބަބީ މަޒުހަބީ މައްސަލަތައް އުފެދި ވެރިންނަށް ރައްޔިތުން އެއްބައިވަންތަ ނުކުރެވުން ކަމަށް، މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ނިޒާރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މޫސާ ނިޒާރު މިހެން ވިދާޅުވީ، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ނެވެ.
މޫސާ ނިޒާރު ވިދާޅުވީ، އުއްމަތެއް ނުވަތަ ރައްޔިތުން އެއްބައި ކުރުމަކީ، އެތަނެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށްވާއިރު، އެކަން ހާސިލްކުރުމަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހަށް ވަރަށްބޮޑަށް ތާޢީދު ކުރައްވާ ކަމަށެވެ.
މޫސާ ނިޒާރު ވިދާޅުވީ، ދުނިޔެ ތަރަށްޤީވަމުން އަންނައިރު، ޚިޔާލުތަފާތުވުން ތަކާއި، ތަފާތު މައްސަލަތައް ފެންމަތިވަމުންދާނެ ކަމަށެވެ. އަދި ޚިޔާލު ތަފާތުވުންތަކަށް ހައްލު ހޯދައިދީ އެކަންކަމާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ރައްޔިތުންނަށް ހެޔޮނުބައި ބުނެދިނުމުގެ ފުރުސަތު، ދީނީ ޢިލްމުވެރިންނަށް އަބަދުވެސް ދޭންޖެހޭ ކަމަށެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ. މި ބިލްގައިވާ ގޮތުން އެފަދަ މަޖިލީހެއް އުފެއްދުމުގެ ބޭނުމަކީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމްކުރުމުގެ ގޮތުން، ދީނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިޔާލު އުފެދޭ މައްސަލަތައް ގައުމީ ފެންވަރުގައި ހައްލުކުރުމެވެ. އަދި އިސްލާމީ ފިޤުހީ އާ މައްސަލަތައް ދިރާސާކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާ ހަރުދަނާ ކަމާއެކު ފޯރުކޮށްދިނުން ކަމަށްވެސް ބުނެފައިވެ އެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މި މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް އައްޔަންކުރުމުގެ ބާރާއި، މެންބަރު ކަމުން ބޭފުޅަކު ވަކިކުރަންޖެހޭ ހާލަތެއް އައިސްފިނަމަ އެ ބާރުވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. މި މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި، ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކާއި، އިސްލީމިކް މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކުރައްވާ ބޭފުޅަކާއި އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ލަފާގެ މަތިން އައްޔަންކުރެވޭ މެންބަރެއްގެ މައްޗަށެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަންކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. އަދި މި މަޖިލީހުގައި ގިނަ ވެގެން މެންބަރު ކަން ކުރެވެނީ 10 އަހަރުގެ މުއްދަތަކަށް ކަމަށްވާއިރު، ބިލްގައިވާ ގޮތުން އެ މަޖިލީހަށް އިސްލާމިކް މިނިސްޓަރު ބާރު ހިނގާނެ އެވެ. އަދި މަޖިލިސް ޖަވާބުދާރީވާންޖެހެނީ ވެސް އިސްލާމިކް މިނިސްޓަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ