ވެރިކަން ކުރާ ޕީޕީއެމް ބަލިކޮށްލެވޭ ވަރުގެ ޑިމޮކްރެޓިކް އިދިކޮޅު ސިޔާސީ ޕާޓީއެއް މިއަދު ރާއްޖޭގައި ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވީނިއުސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީ ތަކުގެ ގޮތުގައި ކިޔަމުންދާ ޕާޓީ ތަކުގެ ތެރޭގައި ސަރުކާރު ބަލިކޮށްލެވޭ ވަރުގެ ޑިމޮކްރެޓިކް ޕާޓީ އެއް ނެތް ކަމަށެވެ. ހާއްސަކޮށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އޮތީ ވަރަށް ބޮޑަށް ބައިބައިވެފައިވާ ކަމަށާއި އަދި މިއަދު އެއީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ. ޑިމޮކްރެޓިކް އުސޫލުން މަސައްކަތް ކުރުމުގައި ބަދަލުގައި އެމްޑީޕީން މިއަދު ކުރާހާ ވެސް ކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "އޮފް އެރުވުމަށް" ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވި އެވެ.
"އެމްޑީޕީ އެއީ އެފޯސް [ބާރު] ކަމަށް ވަންޏާ އެ ވަރަށް ޑިވައިޑެޑް [ބައިބައިވެފައިވާ] ވަރަށް ކަލްޓް [ވަކި މީހެއްގެ ވަށައިގެން އެބުރޭ ގުރޫޕެއް] ވައްތަރަށް އެތުރިފައި އޮތް އެއްޗެއް އެއީ. އެމްޑީޕީއަކީ މިހާރު ކަލްޓެކޭ ދެން އަބަދުވެސް އަޅުގަނޑު ބުނަން. އެއީ ނަޝީދުގެ ވަށައިގެން އެބުރޭނީ އިނގޭތޯ. ނަޝީދަށް ރީތި ލަވާ ހަދައިދީ ކިޔައިދީ އޭނަގެ ނަމުން މަގުތަކަށް ނަންދީ އިނގޭތޯ، މުޅި އެމީހުންނަށް ލިބޭ ހުރިހާ ފައިސާއެއްގެ 80 ޕަސަންޓް ހޭދަކުރަނީ އޭނާ އޮފް ކުރަން. އެެހެންވީމާ ކަލްޓެއް އެއީ. އެއްގޮތަކަށްވެސް ޑިމޮކްރެޓިކް ޕާޓީއެއް ނޫން އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ވާދަކޮށް ކަލްޓެއްގެ ގޮތަށް އޮތް އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި އެމަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ އެމަނިކުފާނު މިނިސްޓަރު ކަމަށް އިސްތިއުފާ ދެއްވުމަކީ މިސަރުކާރު ބަލިކޮށްލުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ އުއްމީދެއް ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ މި ފަސް އަހަރު އެކަން ފެނުމަކީ ދުރުކަމެއް ކަމަށާއި އެމަނިކުފާން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ތަފާތު ވީޑިއޯތައް ހަދައިގެން އެމަނިކުފާނާ ރައީސް ޔާމިނާ ޖައްސުވަން މަސައްކަތްކޮށް އެމަނިކުފާނު ސަރުކާރު ތެރެއިން ނެރެލުމަށް އެމްޑީޕީން މަސައްކަތް ކުރި ނަަމަވެސް އެކަން ވާން ނެތް ކަމަށެވެ. އަދި އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު މިސަރުކާރުގެ ތެރެއިން ނިކުންނަންޖެހޭ ފަދަ ހާލަތެއް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމިނާއި އެމަނިކުފާނާ ދެމެދު އޮތީ ވަރަށް ވަރުގަދަ ބަދަހި ގުޅުމެއް ކަމަށާއި ރައީސް އެމަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސްއާ ބައްދަލުވެ ވާހަކަ ދެއްކެވުމަށް އެއްވެސް ކަހަލަ ދަތިކަމެއް ނެތް ކަމަށާއި އަދި އެމަނިކުފާނާ ހަވާލުވެފައި ހުރި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ރައީސްގެ ފަރާތްޕުޅުން ކުރިމަތިވާ ހުރަހެއް ވެސް ނެތް ކަމުގައި ވިދާޅުވި އެވެ. އަދި މަސައްކަތްތައް ގެންދަވަނީ ސީދާ ބޭނުންވާ މިސްރާބަށް ކަމުގައިވެސް ވިދާޅުވި އެވެ.
"ރައީސް އަޅުގަނޑަށް އިތުބާރު ނުކުރައްވާ ކަމަށް ވާނަމަ މިހާ މަތީ މަގާމެއްގައި މިހާ ގިނަ ރެސްޕޮންސިބިލިޓީ [ޒިންމާ] ދީފައެއް ނުއެއް ބަހައްޓަވާނެ ދެއްތޯ. އެންމެ ގިނަ ރެސްޕޮންސިބިލިޓީ މިވަގުތު އޮތް އެއް ވަޒީރަކީވެސް އަޅުގަނޑު ދެއްތޮ. ހަތް ދާއިރާއެއް މިވަގުތު އެބައޮތް އަޅުގަނޑުގެ އަތުގައި،" ރައީސް އިތުބާރު ކުރައްވާ ކަން ސާބިތުކޮށްދެއްވުމުގެ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެމަނިކުފާނު ހިތްހަމަނުޖެހޭ ކަންކަން ސަރުކާރުގެ ތެރޭގައި އެބަހުރި ކަމަށެެވެ. އަދި އެކަންކަން ކެބިނެޓްގެ ތަފާތު ބައްދަލުވުންތަކުގައި ފާހަގަކުރައްވާ ކަމަށާއި އަދި އެގޮތަށް ފާހަގަކުރަން ފުރުސަތު ލިބިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ކެބިނެޓްގެ އަގުލަބިއްޔަތުން ކަމެއް ނިންމުމަށްފަހު ދެން އެކަމުގައި ކުރިއަށް ދާން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެގޮތުން ކެބިނެޓުން ކަމެއް ނިންމައިފިނަމަ އެ ނިންމި މިސްރާބަކަށް އެހެން ވަޒީރުންނާއި އެކު މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނިމުނު ހަފްތާ ބައެއް ގޭންގްތަކުގެ މީހުންނާ ދެކޮޅަށް ހޯމް މިނިސްޓަރު ނެރުނު މޮނިކޮން އަމުރު ނެރުމަށް ރައީސް ޔާމިން ދެކޮޅު ހެއްދެވި ކަމަށް ދެކެވޭ ވާހަކަތައް ވެސް އުމަރު ދޮގުކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ މޮނިކޮން އަމުރު ނެރުމާއި ދެންވެސް އެމަނިކުފާނު ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަަމަ ބާރު ރައީސް ދެއްވާފައިވާ ކަމަށެެވެ. އަދި އެ އަމުރު ނެރުމުގެ މައްސަލާގައި ރައީސްއާ އެއްވެސް ހިޔާލު ތަފާތުވުމެއް އުފެދިފައި ނެތް ކަމަށްވެސް ވިދާޅުވި އެެވެ.
ޕީޕީއެމްގެ ބަލިކޮށްލެވޭނެ ޑިމޮކްރެޓިކް ޕާޓީއެއް ނެތް، އޮތީ ކަލްޓެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ