ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތު ދެނެގަތުމަށް ހާއްސަކޮށްގެން ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ހޮޓެލް އޭޝިއާ އެގްޒިބިޝަން ހުޅުވުމަށް މިއަދު ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ޓޫރިޒަމްގެ ހާލަތު ދެނެގަތުމަށް ބާއްވާ ކޮންފަރެންސްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައި ހުރި މައްސަލަތައް ބަލައި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި މަޝްވަރާ ކުރާނެ ކަމަށެެވެ. މީގެ އިތުރުން މި ކޮންފަރެންސްގައި ބައިވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާ މަޝްވަރާކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގެ އަންނަ އަހަރުގެ މާކެޓިން ޕްލޭން ހެދުމަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިގޮތަށް މަޝްވަރާކޮށްގެން ދާއިރާގެ ބޭފުޅުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކިގެން މިފަދަ ކޮންފަރެންސެއް މިބާއްވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން ދޮގު މައުލޫމާތާ ދޮގު ވާހަކަތައް ފަތުރައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ސަރުކާރުން ވެސް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ ރާއްޖެއާއި ގުޅޭގޮތުން ދޮގު މައުލޫމާތު އެންމެ ބޮޑަށް ފަތުރާ ސަރަަހައްދުތަކުގައި ރާއްޖެއާ ގުޅޭގޮތުން ތެދު ހަގީގަތް ހާމަކުރުމަށް ޕީއާރް ކުންފުނިތަކެއް ހަމަޖައްސާ އެކުންފުނިތައް މެދުވެރިކޮށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުން ނަމަ ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހާ ގުޅިގެން ކުރިއަށްދާ ހަރަކާތެއްގެ ގޮތުގަ އެވެ.
ޓޫރިޒަމް ދާއިރާގެ ހާލަތު ދެނެގަތުމަށް ކޮންފަރެންސެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ