އެމްއެންޑީއެފްގެ ކުރީގެ ސާޖެންޓަކު ހިތަދޫ އުތުރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވަނީ

އެމްއެންޑީއެފްގެ ކުރީގެ ސާޖެންޓެއް ކަމަށްވާ އަލްއުސްތާޒް އަލީ އިބްރާހިމް ހިތަދޫ އުތުރު ދާއިރާގެ ޕީޕީއެމް މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި ފޯމް ހުށަހެޅުއްވުމަށްފަހު ކެމްޕެއިން ފައްޓަވައިފި އެވެ.
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން އަލީ އިބްރާހިމް ވިދާޅުވީ އޭނާ އެދާއިރާއަށް ވާދަކުރައްވަން ނިންމެވީ މީގެކުރިން އެދާއިރާގެ ގޮނޑި ފުރުއްވި މެންބަރަށް އެކަށީގެންވާ މަސައްކަތެއްނުކުރެވުމާއި އެ މެންބަރު ކުރެއްވި މަސައްކަތަށްވުރެ ރަނގަޅަށް މަސައްކަތްކުރެވޭނެ ބޭފުޅަކީ އޭނާ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.
ޕީޕީއެމް ޓިކެޓަށް ކުރިމަތިލެއްވި ސަބަބު ހާމަކުރައްވަމުން އަލީ އިބްރާހިމް ވިދާޅުވީ ޕީޕީއެމަކީ އޭނާ ވަރަށް ފޮނި އުންމީދެއް ކުރާ ޕާޓީއެއް ކަމަށާއި އެޕާޓީގެ މަގްސަދަކީ ވެސް ރާއްޖޭގެ ސިޔާދަތާއި އިސްލާމް ދީނާއި އެކީގައި ރާއްޖެ ތަރައްގީކުރުން ކަމަށްވާއިރު މިހާރު ރާއްޖޭގައި އޮތް ޑިމޮކްރަޓިކް ނިޒާމް ހަރުދަނާކޮށް ކުރިއެރުވޭނީ ޕީޕީއެމަށް ކަމަށްވާތީ ޓިކެޓަށް ކުރިމަތިލެއްވީ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް ޕްރައިމަރީ ކާމިޔާބުނުވާން ހުރި ހުރިހާ ސަބަބުތަކެއް ނައްތަމުންދާ ކަމަށާއި ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބުނުވާން ހުރި ހުރިހާ ސަބަބުތައް ނެއްތީމާ ދެން އޮންނާނީ ކާމިޔާބުވުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބުނުވާން ހުރި އެއްވެސް ސަބަބެއް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ނުވަތަ ވޯޓުލާ ދުވަހަށް ނުބާއްވާނަން، އެހުރިހާ ސަބަބުތަކެއް ނައްތާލާނަން، ދެން ތިޔަބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ އެހުރިހާ ސަބަބެއް ވެސް ނެއްތީމަ ނަތީޖާއަކަށްވާނީ ކާމިޔާބުވުންކަން." އޭނާ ވިދާޅުވި އެވެ.
އަލީ އިބްރާހިމް އެމްއެންޑީއެފްގެ ހިދުމަތުގައި އުޅުއްވަން ފެއްޓެވީ 1997 ގައި އެވެ. އޭގެ ފަހުން އޭނާ އެކި އެކި ތަމްރީންތަކެއް ފުރިހަމަކުރެއްވިއިރު މިހާރު އޭނާ މަސައްކަތްކުރައްވަނީ އަމިއްލަ ލޯފާމެއް ހުޅުވައިގެން ޕްރެކްޓިސް ލޯޔަރެއްގެ ގޮތުގައި އެވެ.
އަލީ އިބްރާހިމް ވިދާޅުވީ އެމްއެންޑީއެފްއިން ވަކިވެވަޑައިގެންނެވީ މަޖިލީހަށް ވަޑައިގަތުމަށް ނޫން ކަމަށާއި ވަކިވެވަޑައިގަތީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ. އޭނާ އެމްއެންޑީއެފްއިން ވަކިވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ