އިލެކްޝަންސް ކޮމިޝަން ގެ ޑޭޓާބޭސްގެ ލޮގްތައް ސްޕްރިމް ކޯޓަށް ހިއްސާކުރިފަހުން އެޑޭޓާބޭސްގައިހުރި މަޢުލޫމާތައް ބަދަލު އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ތުހުމަތު ކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ސްޕްރީމް ކޯޓާއި ހިއްސާކުރުމުން ކޯޓުން ފުލުހުންނާއި ހިއްސާކުރި މައުލޫމާތަކީ އިލެކްޝަން ޑޭޓާބޭސްއަށް ބަދަލު ގެނެވިދާނެ މައުލޫމާތެއް ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓާއި ސާރވާގެ ސަލާމަތީ ކަންތައްތަކާއި ބެހޭ ގޮތުން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާއި ދެމެދު މިހާތަނަށް ކުރެވުނު މުއާމަލާތްތަކުގެ ތަފްސީލް ހާމަކުރުމަށް މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އައި.ޑީ ކާރޑް ޑާޓާބޭސްގައިވާ މަޢުލޫމާތުތަކާއި، އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ދިވެހި ރައްޔިތުންގެ މަޢުލޫމާތު އިންޓަރނެޓް ސައިޓެއްގައި (http://maldives.annonymous.lv) ޝާޢިއު ކޮށްފައިވާ ކަމުގެ މަޢުލޫމާތު 2013 އޯގަސްޓް 14 ވަނަ ދުވަހު ފުލުހުންނަށް ލިބުމުން އެ ކަން ހިނގާފައިވާ ގޮތް ބެލުމަށް ކުރެވުނު މަސައްކަތުން އިލެކްޝްންސް ކޮމިޝަންގެ މުހިއްމު މަޢުލޫމާތު ރައްކާކުރެވިފައިވާ އެއް ވެބް ސާރވަރ ކަމުގައިވާ p.elections.gov.mv އަށް ބަޔަކު އެކްސެސްވެގެން އެ ސާރވާރއިން އެ މަޢުލޫމާތު ނަގާފައިވާ ކަން އެނގުނު ކަމަށެވެ.
މިއީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ފެންނާތީ އެކަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް 2013 އޯގަސްޓް 15 ވަނަ ދުވަހު ގެނެވިފައެވެ. އެހެން ނަމަވެސް، އެފަދަ ކަމެއް ނުހިނގާނެ ކަމަށް ވިދާޅުވެ، އެ ކޮމިޝަނުން އެ މައްސަލަ ތަޙުޤީޤް ކުރުމަށް އެއްބާރުލުން ދީފައި ނުވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި، މިކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ފުލުހުން ފޯނުން ކުރި މުޢާމަލާތްތަކަށްވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.
(އިލެކްޝަންސް ކޮމިޝަންގެ ފަރާތުން) އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނު ނަމަވެސް މިއީ އެތަކެއް ދިވެހި ރައްޔިތުންގެ މަސްލަޙަތާއި ގުޅިފައިވާ ކަމެއް ކަމުގައިވާތީ އެ ސައިޓަށް ނުވަދެވޭނެ ގޮތް ހެދުމަށް 2013 އޮގަސްޓް 20 ގައި ފުލުހުން ކޮމިއުނިކޭޝްންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައިި ސިޓީއަކުން ދަންނަވައިގެން އެ ސައިޓަށް ރާއްޖެއިން އެކްސެސް ނުވެވޭނެ ގޮތް ހަމަޖައްސާ ބޭރުގެފަރާތްތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން 2013 އޮގަސްޓް 20 ދުވަހު އެ ސައިޓް ވަނީ އިންޓަރނެޓުން ނެގި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
" މި މައްސަލަ ހައްލު ކުރުމަށް ނުވަތަ މި ޢަމަލު ހިންގި ބަޔަކު ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އިލެކްޝަންސް ކޮމިޝަނުން ނައަޅާ ތިއްބާ، 2013 އޯގަސްޓް 17 ވަނަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓްގައި “ސިޔާސީ ޕާޓީ / މެމްބަރުންގެ ޢަދަދު” ބަޔަށް ވަންނަ ފަރާތްތަކުގެ ކޮމްޕިއުޓަރަށް އޮޓޮމެޓިކުން ވައިރަސް އެއް ޑައުންލޯޑްވާ ކަމަށް ލިބުނު މަޢުލޫމާތު ކަށަވަރު ކުރުމަށްޓަކައި ކުރެވުނު މަސައްކަތުން އެ ޕޭޖަށް ވަނުމުން “އިންޓްރޫސިވް” މުޢާމަލާތެއް ހިނގާކަން ކަށަވަރު ކުރެވިފައިވެއެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
މިކަން ޙައްލުކުރުމަށްޓަކައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤްއާއި އެކޮމިޝަނުގެ ކަމާބެހޭ ފަރާތްތަކާއިއެކު ވަނީ ބައްދަލުވުމެއް ބާއްވާ ފުލުހުންނަށް ހޯދިފައި ހުރި ހޯދުންތައް ހިއްސާ ކުރެވުނު ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ..
"މިބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަންގެ ވެބްސާރވަރއަށް އަބަދުވެސް އެޓޭކް ކުރަމުން އަންނަ ކަމަށާއި، މިގޮތަށް އެޓޭކްކުރާ ފަރާތްތަކުގެ އައި.ޕީތައް ބްލޮކް ކުރަމުން އަންނަކަމަށް އެ ކޮމިޝަންގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވެފައިވެއެވެ. އަދި މިގޮތަށް ފާހަގަކުރެވިފައިވާ އައި.ޕީ ތަކުގެ މަޢުލޫމާތު އެކޮމިޝަނުން މިސަރވިސްއާއި ހިއްސާކުރައްވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް އެފަދަ އެއްވެސް މަޢުލޫމާތެއް މިއަދާއި ހަމައަށްވެސް މިސަރވިސްއާއި ހިއްސާ ކުރައްވާފައި ނުވެއެވެ. މީގެއިތުރަށްވެސް އެކޮމިޝަނުގެ އޮންލައިން ސިސްޓަމްތަކަށް އެއްވެސް ފަރާތަކުން ހުއްދަ ކުރެވިފައިނުވާ ގޮތަކުން އެކްސެސްވުމަށް މަސައްކަތްކުރާކަން އެނގިވަޑައިގެންފިނަމަ އެކަން މިސަރވިސްއަށް ރިޕޯޓް ކުރުމަށް ބައްދަލުވުމުގައި ދެންނެވިފައިވާނެއެވެ. އަދި ސިސްޓަމްތައް ރަނގަޅުކުރުމަށް މިސަރވިސްގެ ޓެކްނިކަލް އެހީއެއް ބޭނުންފުޅުވާނަމަ އެފަދަ އެހީތެރިކަން ދިނުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން އެ ބޭފުޅުންނަށް އެރުވުނެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
މިމައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އައި.ޓީ ސިސްޓަމްގެ ސެކިއުރިޓީ އޮޑިޓެއް މިނިވަން ފަރާތެއް މެދުވެރިކޮށް ކުރުމަށް ފުލުހުންނަށް ފެންނަކަމަށް 2013 އޯގަސްޓް 22 ވަނަ ދުވަހު ސިޓީއަކުން ލަފާދެވިފައިވާކަމަށް ފުލުހުން ބުނެއެވެ.
" ސެޕްޓެމްބަރ 07 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއި ގުޅިގެން ސުޕްރީމް ކޯޓަށް ޖުމްހޫރީ ޕާރޓީން ހުށަހެޅުއްވި މައްސަލައާއި ގުޅިގެން އެކޯޓަށް ބޭނުންވި އެހީތެރިކަން މިސަރވިސްގެ ފޮރެންސިކް ޓީމަކުން ވަނީ ފޯރުކޮށްދީފައެވެ. މި މަސައްކަތުގައި ބޭނުންކުރެވިފައިވަނީ ވޯޓްލީ މީހުންގެ ރަޖިސްޓްރީ (ޕްރިންޓްކޮށްފައިވާ ލިސްޓް) އާއި އިލެކްޝަންސް ކޮމިޝަންގެ ބެލޮޓް ޕްރޮގްރެސް ރިޕޯޓިންގ ސިސްޓަމް (ބީ.ޕީ.އާރ.އެސް)ގެ އެކްސެސް ލޮގް އެވެ. މި ލޮގްގައި ހިމެނިފައިވާ މަޢުލޫމާތަކީ ސަރވަރއަށް އެކްސެސްވެފައިވާ ފަރާތްތަކުގެ އައި.ޕީ އެޑްރެސްއާއި ތާރީޚާއި ވަގުތެވެ. މި މާއުލޫމާތަކީ އެއްވެސް ތަނެއްގެ ވެބްސައިޓަކަށް ނުވަތަ ވެބްސާރވަރ އެއް ޕެނެޓްރޭޓް ކުރެވޭނެ މަޢުލޫމާތެއް ނޫނެވެ." އިލެކްޝަންސް ކޮމިޝަނުން ކުރާ ތުހުމަތުތަކަށް ރަށްދުދީ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މިލޮގް ފިޔަވައި އިތުރު އެއްވެސް ލޮގެއް ނުވަތަ އެކޮމިޝަނުގެ އެއްވެސް ޑޭޓާއެއް ސުޕްރީމް ކޯޓުން ފުލުހުންގެ ފޮރެންސިކް ޓީމާއި ހަވާލުކޮށްފައި ނުވާކަމަށާއި ފުލުހުންގެ ފޮރެންސިކް ޓީމަށް، ދެންނެވިފައިވާ އެކްސެސް ލޮގލައިޒްކުރަން އެކަށީގެންވާ ވަގުތު ލިބިފައި ނެތުމުންނާއި ބީ.ޕީ.އާރ.އެސް އާ ބެހޭ ޓެކްނިކަލް މަޢުލޫމާތެއް އިލެކްޝަން ކޮމިޝަނުން ފުލުހުންނަށް ފޯރުކޮށްދެއްވާފައި ނުވާތީ ޓެކްނިކަލް އެނަލިސިސްއެއް ހެދިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ކޯޓުން ހިއްސާކުރި މައުލޫމާތަކީ އިލެކްޝަން ޑޭޓާބޭސްއަށް ބަދަލު ގެނެވިދާނެ މައުލޫމާތެއް ނޫން – ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ