1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ ބާޣީ ސަރުކާރެއް ގާއިމުކުރުމަށް ކުރި ހަނގުރާމައެއްގެ ގޮތުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫނު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ ގައުމަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ދުވަހަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ކަމަށެވެ.
ދިވެހި ޙާއިނުންގެ ބަޔަކު ޓެރަރިސްޓު ޖަމާއަތަކާއި ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ފުނޑު ފުނޑުކޮށްލާ ދިވެހިރާއްޖޭގައި ބާޣީންގެ ސަރުކާރެއް ގާއިމުކުރުމަށްޓަކައި ރޭވި ރޭވުމެއްގެ ދަށުން ހިންގި ހަނގުރާމަވެރި އަމަލެއްކަމަށް ވެސް މި އުދުވާނީ ހަމަލާ ރާއްޖެއަށް ދެވުނުއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ވިދާޅުވި އެވެ.
"އެދުވަހު ދިވެހިރާއްޖެއަށް ހަމަލަދީ ބާޣީންގެ ލަޝްކަރުގައި ހިމެނޭ ޙާއިނުންނާއި ބޭރުގެ ޓެރަރިސްޓުން ވަނީ ދިވެހިންގެ ކުށެއް ނެތް މައުސޫމް 19 މީހަކު ޝަހީދުކޮށްލާފައެވެ. އެއްވެސް ރަހުމެއް ނެތި އެ ލޮބުވެތި 19 ދިވެހިންގެ ލޭ އޮހޮރުވާލާފައެވެ." ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ތާރީހީ ދުވަހު ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ސާބިތުކޮށްދިނީ އެބައިމީހުންނަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ޖާނާއި ފުރާނައިން ގުރުބާންވުމަށް ތައްޔާރަށް ތިބި ބަތޮލުންތަކެއްގެ ގޮތުގައި ކަމަށާއި އެބައިމީހުންގެ ފުރާނައަށްވުރެ އިސްލާމް ދީނާއި ދިވެހި ގައުމު ދެކެ އެބައިމީހުންގެ ހިތުގައިވާ ލޯބި އެތައް ގުނަޔަކަށް ބޮޑުކަން ވެސް ސާބިތުކޮށްދީފައިވާ ކަމަށެވެ.
މި އުދުވާނީ ހަމަލާ އާއި ގުޅިގެން އެދުވަހު ރާއްޖޭގެ ސަރުކާރުގެ އެދުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާތީ، އިންޑިއާ އާއި އެގައުމުގެ އަސްކަރިއްޔާއަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ނަޞްރަކީ، މާތްﷲ ޙައްގު ގޮތުގައި އީމާންވެ އެކަލާނގެ ދެއްކެވި މަތިވެރި ހިދާޔަތުގައި ދެމިތިބެ ދީނާއި ޤައުމުގެ ދިފާއުގައި ހިތްވަރާއި ސާބިތުކަމާ އެކު މަސައްކަތް ކުރާ ތެދުވެރި މުއުމިނުންނަށް މާތްﷲ ވައުދުވެވޮޑިގެންފައިވާ އަގުމާތް ނިއުމަތެކެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާއިން ލިބޭ އެންމެ މަތިވެރި ފިލާފަޅަކީ އިސްލާމް ދީނުގައި ދެމިތިބުން ކަމަށެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމަށާއި އެހެން ދީންތަކުގެ ހިޔާލުތަކާއި ނުފޫޒުތައް އަދި ލާދީނި ވިސްނުން ރާއްޖެއަށް އަޔަނުދޭނެ ކަމަށާއި ދިވެހިންގެ އެއްބައިވަންތަ ކަމުގެ އެންމެ ވަރުގަދަ ގިބްލައަކީ އިސްލާމް ދީން ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވެފައި ވެއެވެ.
އެއްވެސް ސަބަބަކާ ހުރެ ބައިބައިވެ ނުދިއުމަށާއި، ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ދިވެހިން ބައިވެރިވިކަން ހަނދާން ނައްތާ ނުލުމަށްވެސް ރައީސް މައުމޫނުގެ ބަޔާނުގައި ގޮވާލައްވާފައެވެ.
އެގޮތުން އަބަދުވެސް އެފަދަ މީހުންގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ހޭލާ ތިބުމަށްވެސް ރައީސް މައުމޫނު ވަނީ ގޮވާލައްވާފައެވެ.
މައުމޫން ވިދާޅުވީ އަޅުގަނޑުމެން އެންމެން އިސްލާމީ ހިދާޔަތުގައި ސާބިތުވެތިބެ، ޤައުމަށް ހިޔާނާތްތެރިވާ ދިވެހިންނާއި ރާއްޖޭގެ މައްޗަށް އަތްގަދަކުރަން އުޅޭ ބޭރުގެ ފަރާތްތަކުގެ ރޭވުންތަކަށް ސަމާލުވެ ތިބެ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ތިބެއްޖެ ނަމަ، މާތްﷲގެ ވާގިފުޅުން އަޅުގަނޑުމެންނަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ކަމީ ޔަގީންވެ ކަށަވަރުވާ ކަމެއް ކަމަށެވެ.
3 ނޮވެމްބަރުގެ ހަމަލާއަކީ ބާޣީންގެ ސަރުކާރެއް ގާއިމުކުރުމަށް ކުރި ހަނގުރާމައެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ