ފަލަސްތީނުގެ 11 އަހަރުގެ ކުއްޖެއްގެ މޫނަށް ބަޑި ޖަހާ ޝަހީދު ކޮށްލައިފި

ފަލަސްތީނުގެ އިރުމަތީ ޖޭރުސަލެމްގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދެ ހިނގި ކުރިމަތިލުންތަކެއްގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ 11 އަހަރުގެ ކުއްޖެއްގެ މޫނަށް ބަޑީ ޖަހައި ޝަހީދު ކޮށްލައިފި އެވެ.
މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވަނީ ޖެރުސަލެމް ގެ އިއްސަވިވާ ޑިސްޓްރިކްޓްގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނު ރައްޔިތުން އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ގާ އުކަމުންދިޔަ ކަމަށެވެ. އަދި 11 އަހަރުގެ ކުއްޖާގެ މޫނަށް ބަޑި ޖަހާފައިވަނީ މުޒާހަރާތައް ކުރަމުން ދަނިކޮށް ކަމަށެވެ.
ކުރިމަތިލުންތައް ފެށުނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. ފުރަތަމަ އެ ސަރަހައްދަށް އެއްވީ 100 އެއްހާ މީހުން ކަމަށާއި އޭގެ ތެރޭގައި ގިނައީ ކިޔަވާ ކުދިން ކަމަށާއި މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރީ ޖޭރެސަލެމް އަށް ވަދެވެން އޮންނަ މައި މަގު ބަންދު ކޮށްލުމަށް ކަމަށްވެސް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.
މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސައި މުޒާހަރާ ރޫޅާލުމަށް އިޒްރޭލު ސިފައިން ފުރަތަމަ ބޭނުންކުރީ ކަރުނަ ގޭހެވެ. އަދި އެއަށްފަހު ބޮމާއި ބަޑީގެ ހަމަލާތަކެއް ދިން ކަމަށްވެސް ވެއެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ރެޑް ކްރެސެންޓްގެ ސިއްހީ ފަރާތްތަކުން ބުނީ އިޒްރޭލު ސިފައިން ބަޑި ޖަހާފައިވަނީ 11 އަހަރުގެ ކުއްޖާގެ ދެ ލޯ ދޭ ތެރެއައަށް ކަމަށާއި މަރުވީ ލޭ މަނާ ނުވެގެން ކަމަށެވެ.
މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ފަލަސްތީނުގެ ރައްޔިތުން އިއްޔެ މުޒާހަރާ ކުރީ އިތުރު 200 ގެ ޖެރުސަލެމް ގައި އެޅުމަށް އިޒްރޭލުން ނިންމުމުން އެކަމާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ