ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މި ރިޔާސީ ދައުރުނިމުމުގެ ކުރިން ކަރަންޓުގެ ޙިދުމަތަށް ހެޔޮ އިންގިލާބެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަން ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.
ލަމްޢާން މިހެން ވިދާޅުވީ ފެނަކައިން އަތޮޅުތެރޭގައި ދެމުން އަންނަ ކަރަންޓުގެ ޙިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗްތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އަށް އަތޮޅަކަށް ދަތުރުފުޅު ނިންމަވާލުމަށްފަހު މީޑިއާ އަށް މައުލޫމާތުދެއްވަމުންނެވެ.
އެހެންނަމަވެސް ލަމްޢާން މިކަމުގެ އެއްވެސް ތަފްސީލެއް ހާމަކުރައްވައިފައެއް ނުވެއެވެ. ލަމްޢާން ވިދާޅުވީ މި ބޮޑު ޕްރޮޖެކްޓު ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެކަމަށާއި، މި ޕްރޮޖެކްޓްގެ ފައިދާ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.
ލަމްއާން ބައެއް އަތޮޅުތަކަށް ކުރެއްވި މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އިންޖީނުތަކުގެ ފެންވަރު ކަށަވަރުކޮށް ރައްޔިތުންގެ ހުރި ކަންބޮދުވުންތައް ދެނެގަތުން ކަމުގައި އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން މިވަނީ 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދެއްވާފައި. ރައްޔިތުން މިހާރު އެންމެ ބޭނުންވަނީ އެ 24 ގަޑިއިރުގެ ކަރަންޓު ގެ ހިދުމަތް އިތުރަށް ފުޅާކުރުން" ލަމްއާން ވިދާޅުވިއެވެ.
އަދި މި ދަތުރުފުޅުތަކުގައި އަތޮޅުތަކުގެ ފެނަކައިގެ ވެރިންނާ ބައްދަލުކޮށް މަސައްކަތް ކުރުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާތަކެއް ކޮށްފައި ވާކަމަށާއި، ޙިދުމަތްތައް ފުޅާކުރުމާ ގުޅޭ ގޮތުން ވަރައް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވިފައި ވާކަމަށް ލަމްއާން ވިދާޅުވިއެވެ
ރައީސް ޔާމީން ގެ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ކަރަންޓުގެ ޙިދުމަތަށް ބޮޑު އިންގިލާބެއް އަންނާނެ- ލަމްޢާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ