އިންޓަރނެޓް އަގުހެޔޮ ކުރުމަށް އެމްޑީޕީ ސަރުކާރުން އެޅި ކޭބަލްގެ އެއްބަސްވުމާ މުއިއްޒު ގަސްތުގައި ޚިލާފުވެ، ދައްކަންޖެހޭ ފައިސާ ނުދެއްކުމުން، އެ އެއްބަސްވުން ބާޠިލުކޮށް އެކަން ސަރުކާރަށް ރިލަޔަންސް ޖިއޯއިން އަންގައިފިއެވެ. މުއިއްޒު އެ ގެއްލުވާލީ އަގުހެޔޮ އިންޓަރނެޓެވެ. މުއިއްޒު އެ ގެއްލުވާލީ ފާސްޓް އިންޓަރނެޓެވެ. އެގެއްލުވާލީ މިގަމުގެ ޑިޖިތަލް މުސްތަގްބަލެވެ.
ރާއްޖޭގެ އީ-ގަވަރނަންސްއާއި އީ-ކޮމާސްއަށް އެންމެ މުހިންމީ ހެޔޮ އަގުގައި ލިބޭ ބާރު ސްޕީޑްގެ އިންޓަރނެޓެވެ. ރައީސް މުއިއްޒުގެ ނުކުޅެދުންތެރިކަމާއި ރައްޔިތުންނަށް ހުރި ދުޝްމަނުކަމުގެ ބޮޑުކަމުން، 15 މިލިއަން ރުފިޔާ ނުދައްކައި، ރާއްޖޭގެ ތާރީޚުގައި ސަރުކާރަކަށް ދިން އެންމެ ބޮޑު ބަޖެޓް ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން ހުސްކޮށް، އެ ބަޖެޓަށް ވީގޮތް ހިސާބުތަކުން ސިއްރުކޮށްފައިވެއެވެ.
އިންޓަރނެޓް ފައިބަރ ކޭބަލްފަދަ ރައްޔިތުންނަށް ނިހާޔަތަށް މުހިންމު ޚަރަދުތައް 2024 އަދި 2025 ވަނަ އަހަރުގެ ބަޖެޓުން ކުރެވެން އޮއްވައި، ގަސްތުގައި ނުކޮށް ދޫކޮށްލައި، ދިވެހިންނަށް ވަނީ ތަންމިނުން އަނިޔާވެރިވެފައެވެ. މުއިއްޒުގެ ފަރާތުން ދިވެހިރާއްޖެއަށް ލިބުނު މި އަނިޔާ އެތައް ޖީލަކަށް ދެމިގެންދާނެއެވެ.
ރައީސް މުއިއްޒު އިންޓަރނެޓް ފައިބަރ ކޭބަލަށް ބާކީ ދައްކަންޖެހޭ ފައިސާ ނުދެއްކީ، އެ ކޭބަލް އެހެން ބަޔަކު ގަތުމުން، ކޮރަޕްޝަންގެ ތެރެއިން އެއްބަސްވުން ހަދައި، އެއިން އެތައް މިލިއަން ރުފިޔާގެ ފައިދާއެއް ނެގުމަށް މުއިއްޒު ރާވާފައިވާ މަކަރުވެރި ރޭވުމެއްގެ ތެރެއިންނެވެ.
މުއިއްޒު ވިސްނާފައިވަނީ، އިންޓަރނެޓް ޚިދުމަތް އެ ކުންފުނިން ސަރުކާރަށް ގަތުމަށްފަހު، ބޮޑު އަގުގައި ދިރާގު، އޫރީދޫ ފަދަ ސަރވިސް ޕްރޮވައިޑަރުންނަށް ގަތުމަށް މަޖުބޫރުކުރުވުމަށެވެ. މިކަމުގެ ސަބަބުން އިންޓަރނެޓްގެ އަގު މިހާރަށްވުރެ ބޮޑުވެގެންދާނެއެވެ. އަދި މައި ކުންފުންޏަށް ސަރުކާރުން ދޭ ފައިސާއިން ބޮޑު ކަޓެއް މުއިއްޒުގެ ޖީބަށް ތާއަބަދު ވަދެވަދެ ހުންނާނެއެވެ.
މުއިއްޒު އާއި ޒަމީރު ދަނީ އެމީހުންނަށް ކޮރަޕްޓް ޑީލް ހެދޭފަދަ ބަޔަކު ލައްވައި، ފައިބަރ ކޭބަލް ރިލަޔަންސް ޖިއޯއިން ވިއްކާލާއިރު ގަތުމަށް ހޯދަމުންނެވެ.
މިއީ ދިވެހިރާއްޖެ ބޭރު ޤައުމަކަށް ވިއްކާލުންފަދަ ކަމެކެވެ. މިކަމުގެ ނުރައްކަލާއި، މިކަމުން މުޅި ދިވެހިރާއްޖެއަށް ލިބިގެންދާނެ ގެއްލުން އެތައް ބިލިއަނަކަށް އަރާނެއެވެ. މިއީ ދިވެހިންގެ ކުރިއެރުމާއި ކުރިމަގު އެއްކޮށް ބަނަކޮށްލި ކަމެކެވެ. މިއީ އަނިޔާވެރިކަމުގައި އިންތިހާއަށް ދިޔުމެވެ.
ރާއްޖެއަށް ހެޔޮ އަގުގައި ފާސްޓް އިންޓަރނެޓް ލިބުމަށް އޮތް ފުރުޞަތު ދުއްވާލުމަށްފަހު، ނަމަވެސް ކަންދެއްކުމާއި، ދޮގުހެދުމާއި، އޮޅުވާލުމުގެ އިންތިހާއަށް ގޮސްފައިވާ މުއިއްޒު މިވަނީ އެސްޓޯނިއާއަށް ގޮސް ރާއްޖެ ޑިޖިޓަލައިޒްކުރާ ވާހަކަ ދައްކާފައެވެ.
އިންޓަރނެޓް އަގުހެޔޮ ކުރުމަށް އެމްޑީޕީ ސަރުކާރުން އެޅި ކޭބަލް އެއްބަސްވުމާއި މުއިއްޒު ގަސްތުގައި ޚިލާފުވެ، ފައިސާ ނުދެއްކުމުން، އެ އެއްބަސްވުން ބާތިލުކޮށް އެކަން ސަރުކާރަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ