ބައި ގަރުނާއި ތިން އަހަރު ހިނގާފައިވާ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމާމެދު ދެބަސް ވާނެ ދިވެއްސަކު ނުހުންނާނެ އެވެ. އަހަރެއްގެ މައްޗަށް 4.5 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް އުފައްދާ ޓޫރިޒަމް އިންޑަސްޓްރީ އާއި ދިވެހި ގިނަ އާއިލާތަކެއް ވަނީ ގުޅިފަ އެވެ. ގޭބިސީތައް ވަނީ ބަރޯސާވެފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ފުޅާމިން ހިތަށް ގެނައުމަކީ އުނދަގޫ ކަމެއް ނޫނެވެ. މި ކިޔަނީ 183 ރިސޯޓާއި 929 ގެސްޓްހައުސްގެ ވާހަކަ އެވެ. އަދި 15 ސިޓީ ހޮޓަލާއި 157 ޓޫރިސްޓު އުޅަނދުގެ ވާހަކަ އެވެ. މިދިޔަ އަހަރު 2.2 މިލިއަން ޓޫރިސްޓުން އައި ވާހަކަ އެވެ.
މި ބިޔަ ބޮޑު ސިނާއަތް ހިންގުމަށާއި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ވަކި ހާއްސަ ވުޒާރާއެއް އުފެއްދީ 1988 ގަ އެވެ. އޭގެ ފަހުންވެސް މިނިސްޓްރީތަކާއި އެއްކޮށްލިތަން ފެނުނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގެ ފަހުކޮޅި ސިވިލް އޭވިއޭޝަން އާ އެއްކޮށްލި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީނުގެ ވެރިކަމުގެ މެދާ ހަމައަށް ޓޫރިޒަމާއި އާޓް އެންޑް ކަލްޗާ އޮތީ އެއްކޮށެވެ.
ނަމަވެސް، މިވަރުގެ ބުރަބޮޑު، މަސައްކަތާއި ދާއިރާ ފުޅާ ވުޒާރާއަކާ ނުވަތަ ދާއިރާއަކާ ޓޫރިޒަމް އެއްކޮށްނުލަ އެވެ. ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި މޫސުމީ ބަދަލުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށާއި ތިމާވެށި ރައްކާތެރިކުރަން އެ ވުޒާރާއިން ކުރަން ޖެހޭ މަސައްކަތްތައް ބުރަވެފަ ބޮޑެވެ. ގިނަ އަދަދެއްގެ ހިލޭ އެހީ މެނޭޖްކުރަން ވެސް ޖެހޭކަން އެއީ ހަގީގަތެވެ.
ސަރުކާރުން 2022 ގައި ހިންގި ބޯހިމެނުން ބުނާ ގޮތުން 21،000 އަށްވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގަ އެވެ. ޓޫރިސްޓުންނަށް ހިދުމަތްދޭ އެހެން ވިޔަފާރިތައް އެއްކޮށްލުމުން މި އަދަދު ބައި ލައްކައާ ގާތް ކުރާނެ ކަމަށް ބެލެވެ އެވެ.
މިފަދަ ބޮޑު ސިނާއަތެއްގެ ބެލެނިވެރި ވުޒާރާ، އެހެން ދާއިރާއަކާ އެއްކޮށްލުމަކީ ޓޫރިޒަމަށް ސަރުކާރުން ދޭ އަހަންމިއްޔަތާ މެދު ސުވާލު އުފެދޭ ކަމެކެވެ. ތައުލީމާއި މަތީ ތައުލީމަށް ވަކި ވުޒާރާއެއް، ދަނޑުވެރިކަމާއި މަސްވެރިކަމަށް ވަކި ވުޒާރާއެއް އޮތް ސަރުކާރެއްގައި ޓޫރިޒަމަށް ޖާގަ ނެތީހެއްޔެވެ.
މީގެ ކުރިން އެންވަރަމެންޓް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރަކުން ވެސް ކުރައްވާފައިވާ، އަބްދުالله މައުސޫމް މި ރިޕޯޓަށް އޭނާގެ ހިޔާލު ހިއްސާކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއްކޮށްލަން ނިންމި ނަމަވެސް އެ ދެ މިނިސްޓްރީ އަކީވެސް އަދުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ މުހިންމު ދެ މިނިސްޓްރީ ކަމަށެވެ.
"ޓޫރިޒަމް މިނިސްޓްރީ އަކީ ރާއްޖޭގެ އެންމެ މުހިންމު އިންޑަސްޓްރީއާ ގުޅިފަ އޮތް މިނިސްޓްރީ. ދެން ކުރިން ވެސް ޓޫރިޒަމް މިނިސްޓްރީ ހިންގާފަ އެބަހުރި ރިލޭޓެޑް އެހެން ދާއިރާތަކާ ގުޅުވައިގެން. އެކަމަކު އޭރާ މިހާރާ ބަލާއިރު ޓޫރިޒަމްގެ ދާއިދާ ވަރަށް ބޮޑަށް ފުޅާވެއްޖެ،" މައުސޫމް ވިދާޅުވި އެވެ.
އެގޮތުން، ސިނާއަތް ފުޅާވެ ދައުލަތަށް އަދި އާންމު ފަރުދުންނަށް ޓޫރިޒަމުން ލިބޭ އާމްދަނީ އާއި މަންފާ އިތުރުވެފައިވާއިރު، އެ ކަންކަން ބެލެހެއްޓުމަށް ޓޫރިޒަމް މިނިސްޓްރީ ވަކިން ހިންގުން މުހިންމު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ރިޕޯޓަށް މައުލޫމާތު ދެއްވި މި ސަރުކާރުގެ ކަންކަން އެނގޭ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީ ވަކިން ހިންގުން ހުއްޓާލުމަކީ ދުރާލައި ޕްލޭން ކުރެވިފައި އޮތް ކަމެއް ނޫނެވެ. އަދި އެއީ ކައިރި މުސްތަގުބަލުގެ ޕްލޭންތަކުގައި ވެސް ނެތް ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން އެ އައީ. އެއީ ވަރަށް ބުރަ މަސައްކަތް. މާކެޓިން އަށް އެކަނި ބެލިޔަސް. އެހެން ކަމަކާ ގުޅުވައިގެން ކުރަންޏާ ހަމަ ގައިމުވެސް މިނިސްޓަރަށް ދޭންވާ ސަމާލުކަން ނުދެވޭނެ،" އެ އޮފިޝަލު ވިދާޅުވި އެވެ.
ކުރިން ވާހަކަ ދެއްކެވި މައުސޫމް ވިދާޅުވީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ޓޫރިޒަމް ހިންގުމަކީ ސަރުކާރުން ދާއިރާއަށް ދޭ އަހަންމިއްޔަތުކަން ސާފުވާނެ ރަމްޒެއް ކަމަށެވެ.
"އޭރުން ބޭރުގެ އިންވެސްޓަރުންވެސް ރާއްޖޭގައި އިންވެސްޓް ކުރުމާމެދު ސީރިއަސް ވާނެ. ސަރުކާރުން ސީރިއަސްކޮށް ޓޫރިޒަމް ނެގީމަ ބޭރުގެ އިންވެސްޓަރުން ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުހިންމު އިންޑަސްޓްރީއެއްގެ ގޮތުގަ ނަގާނީ،" މައުސޫމް ވިދާޅުވި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މި ރިޕޯޓަށް ހިޔާލު ދިން ވިޔަފާރިވެރިޔަކު ބުނި ގޮތުގައި، ސަރުކާރުގެ ކުއްލި މި ބަދަލާއެކު އަނެއްކާ ވެސް ސިނާއަތަށް ލޮޅުމެއް އަތުވުން ގާތެވެ. ރާއްޖެ އިސްތިހާރު ކުރުމުގައި ފަހަތަށް ފިޔަވަޅެއް އެޅި ޓޫރިސްޓުން އައުން މަދުވުމުގެ ބިރު ވެސް އެބަ އޮތެވެ.
"އަނެއްކާ ވެސް" އޭ ބުނެ އޭނާ ފާހަގަކުރީ ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ސަރުކާރުން ޓޫރިޒަމް ވިޔަފާރިތަކަށް އަމާޒުކޮށް ކުއްލި ގޮތަކަށް ގެނައި ސިޔާސަތުގެ ބަދަލަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިސޯޓުތަކުން ވަނީ ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއިން ދޭން ފަށައިފަ އެވެ.
"މާކެޓިންގެ ބޮޑެތި ކެމްޕޭންތައް މި މެނޭޖުކުރަނީ އެމްއެމްޕީއާރުސީން. އެ ތަން މި ހިންގަނީ ޓޫރިޒަމުގެ ދަށުން. ވަކި މިނިސްޓްރީއެއްގެ ގޮތުގައި އޮތް އިރު ވެސް ރަނގަޅަށް ނުކުރެވޭ ކަންކަން އެއްކޮށް، އެހެން މަސައްކަތަކާއެކު ކުރާއިރު ކިހިނެތް ރަނގަޅު ވާނީ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.
މީގެއިތުރުން، ސިޔާސަތުތައް ކަނޑައެޅުމުގައި ދާއިރާގެ ހިޔާލު ހޯދުން މީގެ ކުރިން ވެސް ދަށް ކަމަށާއި މި ބަދަލާއެކު އެ ކަން އެކީހެން ނެތި ދިޔުމުގެ ބިރު އޮތް ކަމަށް ވެސް އޭނާ ދެކެ އެވެ. އަދި، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ ދާއިރާ ބިކަ ކޮށްލުން ކަމުގައި އޭނާ ސިފަކުރި އެވެ.
ޓޫރިޒަމަކީ ރައީސް މުއިއްޒު ވެސް މީގެ ކުރިން އެންމެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ އެއް ދާއިރާ އެވެ. ގައުމުގެ ތަރައްގީ ބިނާވަނީ މި ދާއިރާ ކުރިއަރާ މިންވަރަކުން ކަމަށް ވެސް ވިދާޅުވެފައި އެބަހުއްޓެވެ.
މި ފަހުން ޓޫރިޒަމަށް އެންމެ ބޮޑު ލޮޅުމެއް އެރި ޑޮލަރު މާރުކުރުމުގެ ސިޔާސަތު ދިފާއު ކުރައްވައި ނޮވެމްބަރު 17، 2024، ގައި ރައީސް ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ހާއްސަކަމާއި މުހިންމުކަން ތަކުރާރު ކުރައްވައިފަ އެވެ. އެ ސިނާއަތަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައިފަ އެވެ.
މާދަމާ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަން އެމަނިކުފާނު ތައްޔާރުވާއިރު، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް ވަނީ ޓޫރިޒަމަށް ހުރި ހުވަފެންތައް ކިޔައިދެއްވައިފަ އެވެ.
"ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ، އާ 20 ރިޒޯޓު މި އަހަރު ހުޅުވައި 2800 އަށްވުރެ ގިނަ އެނދު އުފެދިގެން ދިޔުން،" ފެބްރުއަރީ 5، 2024، ގައި ރައީސް ވިދާޅުވި އެވެ.
~ ~
ވަކި ވުޒާރާއެއް އޮވެގެން ވެސް އެމަނިކުފާނުގެ ސަރުކާރަށް ބޭނުންވި މަގުސަދު ހާސިލް ނުވިއިރު، ދެ ވުޒާރާ އެއްކޮށްލައި މަސައްކަތް މަސްހުނިކޮށްގެން ނުކުންނާނެ ނަތީޖާއާމެދު ސުވާލު އުފެދުމުގެ ފުރުސަތު އެބައޮތެވެ. އެ ސުވާލު އުފެދެންޖެހެ އެވެ. ރައީސް، އެމަނިކުފާނުގެ އަމިއްލަ ބަހާ ދެކޮޅަށް ސިޔާސަތު އެކުލަވާލަނީތޯ އެވެ؟ ނުވަތަ ހިޔާލު ބަދަލުވަނީތޯ އެވެ؟
ދެ ވުޒާރާ އެއް ފޮށްޓަކަށް ލުމުގެ ބަދަލުގައި އެންމެ ބޮޑު ސިނާއަތަށް ވަކި ވުޒާރާއެއް ހައްގު ދެ ވުޒާރާ އެއް ފޮށްޓަކަށް ލުމުގެ ބަދަލުގައި އެންމެ ބޮޑު ސިނާއަތަށް ވަކި ވުޒާރާއެއް ހައްގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ