މަޑިއަށް ކާން ނުދޭން އިލްތިމާސްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން މަޑިއަށް ކާންދޭ ޝަކުވާ ބޮޑުވުމުން، އެކަން ނުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ހަރަކާތްތައް އިތުރުވަމުން އަންނަކަން ހިތާމައާއެކު ފާހަގަކުރާ ކަމަށާއި ރާއްޖޭގައި އުޅޭ އެންމެހާ މަޑީގެ ބާވަތްތަކަކީ ގަވާއިދެއްގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށްވާއިރު އެ ގަވާދުގައި ރައްކާތެރިކުރެވިފައިވާ ދިރުންތަކަށް ގެއްލުން ލިބިދޭ އެންމެހާ ކަންކަން މަނާކުރެވިފައިވާ ކަމަށެވެ.
"މިގޮތުން މަޑީގެ ބާވަތްތަކަށް ކާންދިނުމާއި، ކާން އެޅުމަކީ އެތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ. މަޑީގެ ބާވަތްތައް ބަލައިލުމަށްޓަކައި އެތަކެއްޗާއެކު މޫދުގައި ފީނުމަކީ ދިވެހީންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަޖުރިބާއެއް ކަމުގައިވީ ނަމަވެސް އެ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ، އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާތެރިވާ ފަދަ ހިތާމަވެރި ހާދިސާތައް މެދުވެރިވެއެވެ،" އީޕީއޭގެ ބަޔާނުގައިވެ އެވެ.
އީޕީއޭ އިން ބުނީ އެފަދަ ހާދިސާތައް ހިނގާ މައިގަނޑު އެއް ސަބަބަކީ އެފަދަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުން ކަމަށާއި އެފަދަ ހާދިސާތައް ރާއްޖޭގައި ގިނަވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަސަރުކުރާނެ ކަމެއް ކަމަށް ފާހަގަކުރާ ކަމަށެވެ.
"މިގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން މަޑިއާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެޖެންސީއަށް މިކަމުގެ ޝަކުވާ ހުށަހަޅައެވެ" އެ އެޖެންސީން ބުންޏެވެ.
އީޕީއޭ އިން އިތުރަށް ބުނީ އެފަދަ ހަރަކާތްތަކަކީ ރާއްޖޭގައި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގޭ، އިންސާނުންނަށް ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި ހަރަކާތްތަކަކަށް ހެދުމަށް ގޮވާލާ ކަމަށެވެ. އަދި އެ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު "ގުދުރަތީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާ ބެހޭ ގަވާއިދު"ގެ ދަށުން ފިޔަވަޅު އެޅިގެންދާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ