އެފްއޭއެމް ޚިޔާނާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންއަށް ދައުވާ ކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ފައިސާއަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އިތުރު ފަރާތްތަކެއް ހިޔާނާތްތެރިވި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ ދެ މުވައްޒަފަކަށް ދައުވާ ކޮށްފި އެވެ. 
ޕީޖީ އޮފީހުން އިއްުޔެ ބުނެފައިވަނީ އެފްއޭއެމްއަށް ލިބޭ ފައިސާއަށް ހިޔާނާތްތެރިވެ ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރު ތިން ފަރާތެއްގެ މައްޗަށް 19 ޖަނަވަރީ 2025 ދުވަހު ދައުވާ ކޮށްފައިވާ ކަމަށެވެ. 
ޕީޖީއޮފީހުން މިފަހަރު މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ މުހައްމަދު އަޤީލް / ގއ. ގެމަނަފުށި، ފެހިކުރި، ހަސަން ވަހީދު / މ. ހިރިނައިދޫ އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މި ތިން ފަރާތުގެ މައްޗަށްވެސް ކޮށްފައިވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.
މުހައްމަދު އަޤީލްއަކީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރި ފަރާތެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ، ބައްސާމު އަދީލް ޖަލީލް އަމީން އެވެނިއު އެޕަރޓްމަންޓް ގަތުމަށް، އެފްއޭއެމްގެ ފައިސާއިން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް، ޗެކު ތައްޔާރުކޮށްދީ އަދި އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް 1,000,000 ޑޮލަރު ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، އަމީން ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް ޖުމްލަ 15،420،000 ރުފިޔާ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީ އެވެ. 
މިމައްސަލައިގައި ދެން ދަައުވާ ކޮށްފައިވަނީ އެފްއޭއެމްގެ އެކި މަގާމުތައް އަދާކުރި ހަސަން ވަހީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ބައްސާމް އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަންއަށް ފައިސާ ދެއްކުމުގެ ގޮތުން، އެފްއޭއެމްގެ ޗެކެއް މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޗެކްމާކް ކުންފުންޏަށް 100,000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،000 ރުފިޔާ އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީ އެވެ. މީގެއިތުރުން އެފްއޭއެމްގެ ޗެކު މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއަށް 100،000 ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،500 އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސްއިން ދޫކުރި ޗެކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް މީނާ އެހީތެރިވެދީފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެ އެވެ. 
މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ބައްސާމް އެފްއޭއެމްގެ ޗެކު 08 އޭޕްރީލް 2021 ދުވަހު ތައްޔާރުކުރުވައި، ޗެކުގައި އޭނާ ސޮއިކޮށް، 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް 1,919,950 ޑޮލަރު ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1,000,000 ޑޮލަރު ނެގޭ ގޮތަށް، ޗެކު އަމީން ކޮންސްޓްރަކްޝަންއަށް ދޫކުރުމުން، އެ ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ، އެ ފައިސާ ބަލައިގަނެފައިވާތީ އެވެ.
މީގެއިތުރުން އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް އަމީން ކޮންސްޓްރަކްޝަނުން ސިޓީ ފޮނުވައި، 14 އޭޕްރީލް 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑާކުރުމަށް އަމީން ކޮންސްޓްރަކްޝަންއިން ބައްސާމަށް އެހީތެރިވެދީފައިވާކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ