އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި ޤަވާއިދާއި ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އަތުލައިގެންފި

މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ބިދޭސީން އުޅޭ އެކަމޮޑޭޝަނެއް ބަލައި ފާސްކޮށް، 4 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ މި ރެއިޑް އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ބައެކެވެ. މި އޮޕަރޭޝަންތައް އެކި ދުވަހު އެކި މައްސަލަތަކަށް އަމާޒުކޮށް އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުންނެވެ.
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ އެކަމޮޑޭޝަން ބޮލޮކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަން ފެށުމުގެ ކުރިން އިމިގްރޭޝަންގެ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ބޭފުޅުންނަށް ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަންގައި ބްރީފިންއެއް ކުރިއަށް ގެންގޮސްފައެވެ. މި ބްރީފިންގައި ވަނީ ބަލާ ފާސްކުރަން ހަމަޖެހިފައިވާ ތަނުގެ މައުލޫމާތާއި ކަންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
ގ. ހާލަމްގައި ހަދާފައިވާ އެކަމޮޑޭޝަންއަށް ގޮސް އެތަނުގައި ދިރިއުޅެމުންދިޔަ ބިދެސީންނާއި ސުވާލުކޮށް އެމީހުންގެ ވިސާއާއި އެހެނިހެން ލިޔެކިޔުންތައް އިމިޤްރޭޝަންގެ އޮފިސަރުން ވަނީ ބަލާފައެވެ. އަދި ހުންނަންޖެހޭ ލިޔެކިޔުންތައް ނެތިގެން
4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަައެވެ.
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ބިދޭސީން މަސައްކަތް ކުރާ ތަންތަނަށް އަމާޒުކޮށްގެން ތަފާތު އެކި ރެއިޑް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެއެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ ބިދޭސީން އަނބުރާ ޤައުމަށް ދަނީ ފޮނުވާލަމުންނެެއެވެ.
އިމިގްރޭޝަންގެ އަމާޒަކީ 3 އަހަރުގެ ތެރޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް ގަވާއިދާއި ޚިލާފަށް އުޅެމުންދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ